Last Updated: April 25, 10:40
Thursday, April 25, 2024
ޚަބަރު

ރޯދަ މަހު އެކްސިޑެންޓު ގިނަ، މިދިޔަ ހަފްތާގައި އެކަނިވެސް 58 އެކްސިޑެންޓު!

މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް

ރާއްޖޭގެ އެންމެ މީހުން ގިނަ، އެންމެ ކާރުބާރު ބޮޑު ސިޓީ، މާލެ ސިޓީގައި ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އެކަނިވެސް 58 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. އަދި މިމަހުގެ މިހާތަނަށް 74 އެކްސިޑެންޓު ހިނގައި، ޔުކްރެއިންގެ ފަތުރުވެރިޔަކުވެސް ވަނީ ނިޔާވެފައެވެ.

ރަމަޟާން މަހަކީ ކޮންމެ އަހަރެއްގައި ވެސް މާލޭގެ އިތުރުން ރާއްޖޭގެ އާބާދީބޮޑު ކަންކޮޅުތަކުގައި އެކްސިޑެންޓު ގިނަވާ ދުވަސްވަރެކެވެ. ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި އެކްސިޑެންޓުތައް މަދުކުރުމަށް ހުރިހާ ފަރުދުންވެސް ފަރުދީ ޒިންމާ އަދާކުރައްވާ، މަގުމަތީ ގަވާއިދުތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ މިދިޔަ އަހަރުގެ ރަމަޟާން މަސް ނިމުނުއިރު، ރަމަޟާން މަސް ތެރޭގައި 310 އެކްސިޑެންޓު ހިނގާ ދިޔަ ކަމަށެވެ. ސިނަމާލެ ބްރިޖު ބޭނުން ކުރާ ފަރާތްތަކުންނާއި ތާރުއެޅި މަގުތައް ބޭނުންކުރާ ބައެއް ފަރާތްތަކުން އަދިވެސް ބްރިޖު ގަވާއިދާއި އެއްގޮތަށް ދުއްވަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

ގަވާއިދާއި ޚިލާފަށް ކާރު ލޭނަށް ސައިކަލެއް އެރުމުގެ ސަބަބުން މީގެ ދުވަސްތަކެއް ކުރިން ހައުސިން މިނިސްޓަރ އާތިފާގެ ކާރުގައި ސައިކަލެއް ޖެހިވެސް ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. އަދި ޑެލިވަަރީ ސައިކަލަކާއި އިތުރު ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު ވޭނަކުން ޖެހި ވަނީ މަގު ދެބައިކުރާ ޑިވައިޑާއެއްވެސް ހަލާކުވެފައެވެ.