Last Updated: June 10, 06:03
Wednesday, June 10, 2026
ވިޔަފާރި

ހެރަތެރަ އެހެން ބަޔަކާ ހަވާލު ކުރަން ނިންމައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އައްޑޫގައި ތަރައްގީކޮށްފައިވާ ހެރަތެރަ ރިސޯޓް ހިންގަން އާ ބަޔަކާ ހަވާލު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ކުރެއްވުމަށް އައްޑު އަށް ވަޑައިގެން ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އައްޑޫގައި ތަރައްގީކޮށްފައިވާ ހެރަތެރަ އެހެން ބަޔަކާ ހަވާލު ކުރަން ވަނީ ނިންމައިފަ އެވެ.

"އެހެންވީމާ ހެރަތެރަ ވެސް މިހާރަށް ވުރެ ރަނގަޅަށް ހިންގަން އެބަ ޖެހޭ. އެހެންވީމާ އެތަން ހިންގުމަށްޓަކައި އާ ފަރާތަކާ ހެރަތެރަ ހަވާލު ކުރެވޭނެ. އެކަމަށް އަޅުގަނޑުމެންނަށް މިހާރު ވަނީ ބިޑެއް ލިބިފައި. އެއީ އެތަން ހިންގޭ ވަރުގެ ބައެއް،" ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ހެރަތެރަ ހިންގަން ބަަޔަކާ ހަވާލު ކުރި އެވެ. އެގޮތުން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޔޮޓް ޓުއާސް އިން އެ ރަށާ ހަވާލުވިތާ މާ ގިނަ ދުވަސްތަކެއް ތަފާތު މައްސަލަތައް ކުރިމަތިވެ އެގްރިމަންޓް ބާތިލް ކުރަން ޖެހުނެވެ.

އޭގެ ފަހުން ތައިލެންޑްގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕާ އެ ރިސޯޓް ހަވާލުކޮށްގެންް ހިންގަން ފެށިތާ، އަހަރެއްހާ ދުވަސް ފަހުން އެ ކުންފުނިން ވަނީ ރިސޯޓް ދޫކޮށްލައިފަ އެވެ.

އެކަމާ ގުޅިގެން އެމްޓީޑީސީ ތަކުރާރުކޮށް ހެރަތެރަ ބީލަމަށް ލައިގެން އެތަނަށް ޝައުގުވެރި ވާނެ ބަޔަކު ލިބޭ ގޮތެެއް ނުވި އެވެ. އެހެންވެ އެ ރިސޯޓް އޮތީ އެމްޓީޑީސީގެ ބެލުމުގެ ދަށުގަ އެވެ.

އަދި އިސްމެހެލާހެރައިގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އެތަނަށް ހުށަހެޅި ބިޑުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ އިސްމެހެލާހެރަ ވެސް ތަރައްގީ ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.