Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އެންމެ ދުވަސްވީ މީހާ އުމުރުން 146 އަހަރުގައި މަރުވެއްޖެ

އުމުރުން 146 އަހަރުކަމަށް ދައުވާކުރި އިންޑޮނީޝިއާގެ ސެންޓްރަލް ޖާވާގެ އަވަށުގެ މީހެއްކަމަށްވާ ސޮޑިމެޑްޖޯ، ނުވަތަ އާންމު ނަމުންނަމަ މްބަހް ގޮޓޯ މަރުވެއްޖެއެވެ.

ލިޔެކިޔުންތަކުން ދައްކާގޮތުން ގޮޓޯ އުފަންވެފައިވަނީ 1870 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ. އެހެން ނަމަވެސް އިންޑޮނީޝިއާގައި ލިޔެކިޔުންތައް ބަލަހައްޓަންފެށީ 1900 ވަނަ އަހަރުގައެވެ. އަދި މީގެ ކުރިންވެސް މީހުންގެ އުފަންތާރީޚާއި ބެހޭ ކުށްތަށްވަނީ ފެނިފައެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުންވަނީ އޭނާއާއި ކުރެވުނު އިންޓަވިއުތަކާއި، އޭނާ ދިން ލިޔެކިޔުންތަކަށް ބިނާކޮށް، އޭނާގެ އުފަން ތާރީޚު ރަނގަޅުކަމުގައި ބީބީސީއަށް އަންގާފައެވެ.

އޭޕްރިލް 12 ވަނަ ދުވަހު އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އޭނާ ބަލިވާންފެށުމުންނެވެ. އޭގެ 6 ދުވަސް ފަހުން އޭނާ ގެއަށް ދާން އެދޭވަރުން އޭނާ ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. އަދި އޭނާގެއަށް ބަދަލުވިފަހުންވެސް ކައިބޮއެ އުޅެވުނީ ވަރަށް މަދުންކަމަށް އޭނާއަށް ކާފަ ކިޔާ ސުޔަންޓޯ ބީބީސީއަށް ކިޔައިދިނެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ގޮޓޯ ކެއުމާއި ބުއިން މުޅިން ހުއްޓި، މަރުވުމާއި ހަމައަށް އެއްވެސް ވަރަކަށް ކައިބޮއި ހަދުމަށް އިންކާރުކުރިކަމަށް އޭނާ ކިޔާދިނެވެ.

މިދިޔަ އަހަރު ގޮޓޯ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ ދިގު އުމުރުގެ ސިއްރަކީ އޭނާ ބަލަހައްޓާ މީހުންގެ ލޯތްބާއި އަޅާލުމެވެ. އެންމެ ފަހު ދުވަހާއި ޖެހެންދެންވެސް ގަދަޔަށް ދުންފަތުގެ އިސްތިއުމާލުކުރި ގޮޓޯއަށްވުރެ ކުރިން އޭނާގެ 10 އެއްބަނޑު އެއްބަފާ މީހުންނާއި، 4 އަނބިންނާއި، އޭނާގެ ހުރިހާ ކުދިންވަނީ މިދުނިޔެ ދޫކޮށްފައެވެ. އޭނާގެ އަވަށުގައި އޭނާ މަޝްހޫރުވެފައިވަނީ ޖަޕާނާއި ޑަޗް ހަނގުރާމަތަކުގެ މޮޅު ވާހަކަތައް ކިޔައިދޭ މީހެއްގެ ގޮތުގައެވެ.

"މަރުވިއިރު މާބޮޑުކަމަކަށް (ގޮޓޯ) ނޭދޭ. އޭނާ ބޭނުންވީ އަހަރެމެން، އޭނާގެ އާއިލާ އޭނާ ދޫކޮށްލަން" އޭނާގެ ކާފަދަރި ކިޔާދިނެވެ. ގޮޓޯ ވަޅުލެވުނީ ހޯމަ ދުވަހުގެ ހެނދުނު، އޭނާ ގަބުރުސްތާނުން ގަނެފައިވާ ތަންކޮޅުގައެވެ. އަދި އޭނާގެ ގެ ކައިރީގައި ބެހެއްޓާފައި ހުރި މަހާނަ ވަނީ އޭނާ ވަޅުލެވުނު ތަނުގައި ބަހައްޓާފައެވެ.

ވެރިފައި ކުރެވިއްޖެނަމަ، އޭނާ ވެގެންދާނީ ފްރާންސްގެ ޖިއޭން ކެލްމެންޓްއަށްވުރެވެސް ގިނަ ދުވަހު ދިރި ހުރި މީހަކަށެވެ. ޖިއޭން މަރުވީ އުމުރުން 122 އަހަރުގައެވެ.