ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފް ކޮށްފިއެވެ.
ސްޕްރީމް ކޯޓުން އާއްމުކޮށްފައިވާ ޝެޑިއުލްގައި ބުނެފައިވަނީ އެ މައްސަލައަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ) ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވަނީ ކޯޓް އަމުރުގެ މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލާގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލަ ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:15 ގައެވެ.
ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފް ކޮށްފައިވާއިރު މީގެ ކުރިން ޔާމީނުގެ ބޭންކް އެކައުންޓްތަކެއް ފްރީޒް ކުރުމުގެ އިތުރުން ޔާމީނާ ދެކޮޅަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ވެސް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. ނަމަވެސް ހައިކޯޓުން ވަނީ ފަހުން އެ ދެ އަމުރު ވެސް ބާތިލުކޮށްފައެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.