Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

އީސީސީގައި ޔުނިވަސިޓީއެއް ހިންގަން ނިންމައިފި

ސާކް ސަމިޓް ބޭއްވި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ). ފޮޓޯ./ ހަވީރު

ސަތާރަ ވަނަ ސާކް ސަމިޓް އައްޑޫގައި ބާއްވަން އިމާރާތް ކުރި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ޔުނިވަސިޓީއެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ކުރެއްވުމަށް އައްޑު އަށް ވަޑައިގެން ރޭ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަަވަމުން ރައީސް ވިދާޅުވީ އީސީސީގައި ޔުނިވަސިޓީއެއް ގާއިމު ކުރާނީ އިނގިރޭސިވިލާތުގެ ފެންވަރު ރަނގަޅު ޔުނިވަސިޓީއަކުން ކަމަށެވެ.

އެހެން ނަމަވެސް އެއީ ކޮން ޔުނިވަސިޓީއެއް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

"އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން މި ދެނީ ކޮންވެންޝަން ސެންޓަރު. ކޮންވެންޝަން ސެންޓަރު ނަގައިގެން އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން އިނގިރޭސިވިލާތުގެ ފެންވަރު ރަނގަޅު ޔުނިވަސިޓީއެއް އިރާދަކުރެއްވިއްޔާ މި ސިޓީގައި ވަރަށް އަވަހަށް ގާއިމު ކުރެވޭނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.