Last Updated: April 20, 07:18
Saturday, April 20, 2024
ދުނިޔެ

ލަންކާ ހަމަނުޖެހުންތަކުގައި މުސްލިމަކު މަރުވެއްޖެ

AFP

ލަންކާގެ މިސްކިތްތަކަށާއި މުސްލިމް ޖަމާއަތްތަކަށް ރޭ ދިން ހަމަލާތަކުގައި މުސްލިމުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

މިދިޔަ މަހު ލަންކާގައި ދިން ސިލްސިލާ ބޮމުގެ ހަމަލާތަކަށް ފަހު އެގައުމުގައި ދިރިއުޅޭ މުސްލިމުން ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި މުސްލިމުންނާއި މިސްކިތްތަކަށް ވަނީ ހަމަލާއާއި ގެއްލުމުގެ ޝިކާރައަކަށް ވެފައެވެ.

ރޭ މިސްކިތްތަކަށް އެހެން ދީން ތަކުގެ މީހުން ދިން ހަމަލާތަކުގައި މަރުވެފައިވަނީ 45 އަހަރުގެ މީހެކެވެ. ޕުއްތަލަމް ޑިސްޓްރިކްޓުގައި ހިނގި މިހަމަނުޖެހުމުގެ ތެރެއިން ދިން ހަމަލާތަކަށް ފަހު އެމީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ މަރުވެފައެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން ރޭ 9:00 އިން ފަތިހު 4:00 އާ ހަމައަށް ލަންކާގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.

ދިވެހި ގިނަ ބަޔަކު ލަންކާގައި ދިރިއުޅެމުން އަންނައިރު ހަމަލާތަކަށްފަހު ލިބެމުން އަންނަ ފުރައްސާރަ ކުރުމާއި ތަފާތުކުރުންތަކުގެ ސަބަބުން ދިވެހި އާއިލާތަށް ވަނީ ރަށަށް ބަދަލުވާން ފަށާފައެވެ.