Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

މިދަނީ ކައުންސިލްގެ މަސައްކަތް ގާތުން ބަލަމުން: އީޕީއޭ

ސިޓީ ސްކެއާގައި ހުރި ރުއްތައް ކަނޑަން އައްޑޫ ސިޓީ ކައުންސިލަށް ހުއްދަ ދިނީ، އެ ރުއްތައް އަލުން އިންދާގޮތަށް ކައުންސިލުން ހުއްދައަށް އެދުމުން ކަމަށާއި ކައުންސިލުން އަމަލުކުރާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެންވަޔަރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އިން ބުނެފިއެވެ.

މިހަފްތާގައި ސިޓީ ސްކެއާ ތަރައްގީ މަޝްރޫއަށް އަމަލުކުރުމަށް ފުލުސް ސްޓޭޝަނާ ކައިރީ އޮތް ތަނުގައި ހުރި ހުރިހާ ރުކެއް ކައުންސިލުން ވަނީ ކަނޑާލާފައެވެ. "އައްޑޫލައިވް" އާ ވާހަކަ ދައްކަވަމުން ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ވިދާޅުވީ ރުއްތައް އަލުން ޖަހާނެ ކަމަށާއި ނަމަވެސް ނެގި ރުއްތަކުގެ ތެރޭގައި ވަރަށް މުސްކުޅި ރުއްތައް ވެސް ހިމެނޭ ކަމަށެވެ.

މުސްކުޅިވެ އަލުން ނުއިންދޭނެ ފަދަ ރުއްތައް ފިޔަވައި އެހެން ރުއްތައް އައްޑޫގެ އެކި ހިސާބުތަކުގައި އިންދާނެ ކަމަށް ޔަސްރިފް ވިދާޅުވެފައިވެއެވެ.

މުޅި ރާއްޖޭގައި ވެސް ރުއް ނެގުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު ޕާކުތައް ހެދުމަށާއި އެހެނިހެން ކަންތައް ކުރުމަށް ރުއްތައް ނުކަނޑާ ތަރައްގީ ޕްލޭންތައް ހެދުމަށް ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.