އައްޑޫ ސިޓީ ކައުންސިލުން މިހާތަނަށް އެެއްވެސް މީހަކަށް ގަވާއިދާއި ހިލާފަށް ބިން އިތުރުކޮށްދީފައި ނުވާނެކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ސ. ހިތަދޫ ބީޗް ސައިޑް އަދި ބީޗްވޭލީ ދެ ގޯތި ދެމެދުގައި އޮތް ހުސް ބިންކޮޅު ބީޗް ވެލީއަށް އިތުރުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިތުރު ކުރުމަށް ނިންމުމާއި ގުޅިގެން ކައުންސިލަށް ފާޑު އަމާޒުވެފައިވަނިކޮށް ސޯބެ ވިދާޅުވީ އެ ނިންމުމަކީ ކައުންސިލުން ބިން އިތުރުކުރުމަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށެވެ.
ބީޗްވެލީއަށް "ބިންކޮޅެއް" އިތުރު ކުރުމަށް ކައުންސިލުން ނިންމި ނިންމުމުގައި އެބިން ކޮޅުގެ ސައިޒެއް އިތުރު ކުރެވުނު ގޯތީގެ ސައިޒެއް ފާހަގަކޮށްފައި ނުވެއެވެ. އަދި ސޯބެވެސް އިތުރުކުރި "ބިންކޮޅު"ގެ ސައިޒެއް ހާމަ ނުކުރެއެވެ.
ސޯބެ ވިދާޅުވީ ބީވްވެލީ އަށް އިތުރުކުރުމަށް ކައުންސިލުން ނިންމި "ބިންކޮޅަކީ" 2003ވަނަ އަހަރު އެގޭގެ ރަޖިސްޓްރީއަށް އެދުވަސްވަރު އިތުރުކޮށްދީފައިވާ ބިމެއް ކަމަށެވެ. އަދި އެބިމުގެ ވަށައިގެން ފާރު ރާނައި އެ ގޯތި ތެރޭގައި ހިމެނިފައިވާ ބިމެއް ކަމަށެވެ.
"ބީޗްވެލީ ބިމުގެ މައްސަލައަކީ ކައުންސިލްގެ ނިންމުމެއް ނޫން، އެއީ މާކުރިން 2003 ވަނަ އަހަރު ހިގާފައިވާ ކަމެއް، އޭރު އޮތީ އެގޯއްޗަށް ބީޗް ސައިޑް އާއި ބީޗްވޭލީ ދެމެދުން އޮތް ބިމެއް ހިމަނާދީފައި، ނަމަވެސް ރަޖިސްޓްރިއަށް އިތުރުކޮށްދީފައި ނެތުމުން އެގޭގެ ވެރިފަރާތުން ރަޖިސްޓްރީ ހެއްދިއިރު އޭރު އެބައި ނެތިގެން ހުށަހެޅި މައްސަލައެއް، ކައުންސިލުން ކުރިކަމަކީ އެގޭގެ ރަޖިސްޓްރީ ހެދުމަށް އެކަން މަޝްވަރާކޮށް އެ ބިން ހިމަނަން ނިންމީ، ކައުންސިލުން ބިމެއް އިތުރަކަށް ނުދޭ"
ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ ބައެއްގެ ގޯތި ތެރެއަށް ހިމަނާދީފައިވާ ބިމެއް ކައުންސިލަށް މިހާރު ނެގޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ބަޔަކަށް ބިން ދިނުމުން އެބަޔަކު ގޯތި ވަށައި ފާރު ރާނާފައިވާ އިރު އެ ފާރުތެރޭގައި އެހެން ބިމެއް ނޯންނާނެކަމަށެވެ.
ދެ ގޯތި ދެމެދުގައި އަދި ގޯތީގެ އަރިމަތިން ހިމެނޭ ބިމުގެ މައްސަލައަކީ ކައުންސިލަށް ގިނައިން ހުށަހެޅޭ މައްސަލައެކެވެ.