Last Updated: March 28, 21:27
Thursday, March 28, 2024
ޚަބަރު

އެއިމްސްގެ ޓެލެ ހެލްތު ކްލިނިކް ހިދްމަތް ފަށައިފި

ސ. ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގޮނޮސްޓިކް ކެއަރގެ ޓެލެ ހެލްތް ކްލިނިކުގެ ހިދްމަތް މިއަދު ފަށައިފިއެވެ.

އެއިމްސްއިން ބުނީ ޓެލެ ހެލްތު ކުލިނިކްގެ ހިދްމަތް ލަސްވީ ބައެއް އިދާރީ ކަންކަން ހަމަޖެހުން ލަސްވުމާއި ގުޅިގެންނެވެ. އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލާއި ގުޅިގެން، އެޕޯލޯ އެއިމްސް ޓެލެހެލްތް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ 11 މާޗު 2019 ގައެވެ.

ފޭދޫ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދްމަތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއެވެ.

ޗެންނާއީގެ އެޕޯލޯ ޓެލެމެޑިސިން ސެންޓަރާއި ގުޅާލައި އެންމެ ތަޖްރިބާކާރު ޑޮކްޓަރުންނަށް ދައްކާލުމަށް މިހާރު އެެޕޮއިންޓްމަންޓު ހެދޭނެކަމަށް އެއިމްސްއިން ބުންޏެވެ.

އެއިމްސްއިން ބުނީ މިއަހަރުގެ އޮގަސްޓު 15 ވަނަ ދުވަހާއި ހަމައަށް އެޕޯލޯ ހޮސްޕިޓަލްގެ ސުޕަ ސްޕެޝަލިސްޓުންނަށް ދެއްކުމަށް ނަގާނީ 495 ރުފިޔާކަމަށެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް 6898091 ނުވަތަ 6898092 ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެކަމަށެވެ.

* ޓެލެމެޑިސިން ހިދްމަތަކީ ކޮބާ؟

ޓެލެމެޑިސިން އަކީ އެތަށް ސަތޭކަ މޭލުގެ ދުރުމިނެއްގައި ތިބެ ބަލި މީހުން ބެލުމަށް ބަލިމީހާގެ ގާތުގައި ހުރި ތަމްރީނު ލިބިފައިވާ ނަރުހެއްގެ އެހީއާއެކު ބޭސްވެރިކަން މުވާސަލާތީ ގޮތުން ގުޅާލުމުގެ ހިދުމަތެކެވެ. ޓެލެމެޑިސިން ހިދުމަތް ފޯރުކޮށްދިނުމުން ބަލިމީހާ ކުރަންޖެހޭ ދިގު ދަތުރުން ސަލާމަތްވެ ބޭސްފަރުވާ ލިބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

"ޓެލެމެޑިސިން ކުރިއަށް ގެންދިޔުމަށްޓަކާ ލެޕްޓޮޕާއި ވެބްކެމް ބޭނުންކޮށްގެން ލަފާދޭ ޑޮކްޓަރު އެކޮޅުގައި ހުރެގެން އަޅުގަނޑުމެންގެ ތަމްރީނު ލިބިފައިވާ ނަރުހެއްގެ އެހީގައި ޑައިގްނޯސްޓިކް ސާމާނުތަށް ބޭނުންކޮށްގެން ހާއްސަ މެޑިކަލް އިމޭޖު ޑޭޓާއެއްގެ ގޮތުގައި ކޮމްޕްރެސްކުރެވި ފޮނުވޭ ފަދަ ނިޒާމެއްގެ ދަށުން ފަރުވާ ކުރިއަށް ގެންދެވޭނެ" އެއިމްސް އިން ބުންޏެވެ.

މީގެއިތުރުން ފަރުވާ ހޯދުމަށް ބަލި މީހުން މެޑިކަލް ރިޕޯޓު ހިފައިގެން އެއިމްސް އަށް އައުމުން އެޕޯލޯ ހޮސްޕިޓަލުގައި ޓެލެކޮންސަލްޓޭޝަނަށް ދިޔުމުން ހުރި އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރަކާ މަޝްވަރާ ކުރެވޭނެ ގޮތް ވެސް ހަމަޖައްސައިދޭނެ ކަމަށް އެއިމްސް އިން ބުނެއެވެ.

އަދި ޑޮކްޓަރުންނަށް ބަލި މީހުންގެ ލޭގެ ޕްރެޝަރާއި، ވިންދު އަދި ބަލިމީހާގެ ވީޑިއޯ ވަގުތުން ބަލާލުމުގެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެ ކަމަށް އެއިމްސް އިން މައުލޫމާތުދެއެވެ. މި މައުލޫމާތު އެޕޯލޯގައި ތިބި އެހެން ޑޮކްޓަރުންނާ ހިއްސާކޮށް އެ ފަރާތްތަކުގެ ލަފަ އާއި އިރުޝާދު ވެސް ލިބިގެންދާނެ ކަމަށް އެއިމްސް އިން ހާމަކުރެއެވެ.

މި ނިޒާމުގެ ދަށުން ބަލިމީހުންނަށް ލިބޭނެ އެންމެ ހާއްސަ ހިދުމަތަކީ އެ ކްލިނިކުގެ އޭރަކު ތިބޭ ހާއްސަ ޑޮކްޓަރުންގެ އިތުރުން އެވަގުތު އެ ކްލިނިކުން ލިބެން ނެތް ހާއްސަ ފަރުވާގެ ޑޮކްޓަރުންނާއި ވަގުތުން ގުޅާލެވޭ ގޮތްވުން ކަމަށްވެސް އެއިމްސް އިން ބުނެއެވެ