Last Updated: April 19, 06:24
Friday, April 19, 2024
ޚަބަރު

މިއަދުވެސް މާލޭގައި އެކްސިޑެންޓެއް

ހައިވޭގައި ހިނގި އެކްސިޑެންޓު: ފޮޓޯ - މިހާރު

މިއަދުވެސް ހުޅުމާލެ ހައިވޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ހައިވޭގައި ސައިކަލެއް އޯވަޓޭކް ކުރަން އުޅުނު ސައިކަލެއް، އަނެއް ލޭނުގައި އޮތް ކާރުގައި ޖެހިގެންނެވެ. "މިހާރު" ނޫހުން ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކާރުގައި ޖެހި ސައިކަލް ކަހާލައިގެން 100 ވަރަށް ފޫޓަށް ގޮސްފައިވެއެވެ.

އަދި ސައިކަލް ދުއްވަން ހުރި 20 އަހަރުގެ ޒުވާނާ އަތުގައި ދުއްވުމުގެ ލައިސެންސު ވެސް ނެތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އެކްސިޑެންޓުގައި ބޭރު ފުށުން އޭނާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ސައިކަލް ކަހާލައިގެން ގޮސް އެހެން ސައިކަލެއްގައި ޖެހިފައިވާއިރު އެ ސައިކަލުގައި ތިބި ދެމީހުންނަށް ވެސް ވަނީ ކުދި އަނިޔާތަކެއް ލިބިފައެވެ.

ރަމަޟާން މަސް ފެށުނީއްސުރެ މާލޭގައި ހިނގާ އެއްގަމު އުޅަނދުތަކުގެ އެކްސިޑެންޓުތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައިވެސް 60 ވަރަކަށް އެކްސިޑެންޓު ވަނީ ހިނގާފައެވެ. ބްރިޖު މަތީގައި ހިނގާ އެކްސިޑެންޓު މީގެ ތެރެއިން ގިނަކަން ފާހަގަކޮށްލެވެއެވެ.

މާލޭގެ ޓްރެފިކް ބޮޑުވާ ސަރަހައްދުތަކަށް ފުލުހުން ވެސް ވަނީ ރޯދަ މަހު ނިކުންމާފައެވެ. އެކްސިޑެންޓު މަދުކުރުމަށް ހުރިހާ ރައްޔިތުން ވެސް މަގުމަތީ ގަވާއިދުތަކަށް ބޯލަނބައިގެން ދުއްވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އިލްތިމާސް ކޮށްފައެވެ.