Last Updated: April 19, 11:14
Friday, April 19, 2024
ރިޕޯޓް

ލަންކާ އެއާޕޯޓުގައި މުސްލިމުންގެ ބުރުގާ އެންމެން ކުރިމަތީ ބާލުވަނީ!

ސްރީ ލަންކާއަށް މިދިޔަ މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ ސަރުކާރުން އެއާޕޯޓުތަކުގައި ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާއިރު މުސްލިމް އަންހެނުންގެ ބުރުގާ އެންމެން ކުރިމަތީ ބާލުވައި ޗެކް ކުރާތީ އާންމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި މިފަދަ ޗެކްކުރުންތައް ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ކުރަމުންދެއެވެ. ނަމަވެސް ދިވެހިންގެ ކަންބޮޑުވުމަކީ އެއާޕޯޓުގައި އެންމެން ކުރިމަތީގައި ބުރުގާ ބާލުވަން މަޖުބޫރު ކުރުވާތީއެވެ. އެއާޕޯޓުގައި ހުންނަ ވަކި ޚާއްސަ ތަނެއްގައި އަންހެން ސެކިއުރިޓީ އޮފިސަރަކަށް ވެސް ބުރުގާ އަޅައިގެން ތިބޭ އަންހެނުން ޗެކް ކުރެވިދާނެއެވެ.

މިކަމާ ގުޅިގެން މުސްލިމް ގައުމަކަށް ދިވެހި ރާއްޖެ ވާހިނދު ދިވެހި ޚާރިޖީ ވުޒާރާއިންނާއި ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަދި އިސްލާމިކް މިނިސްޓްރީން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ދިވެހި ސަރުކާރުން، ދިވެހި ރައްޔިތުންގެ، ޚާއްސަކޮށް ބުރުގާ އަޅައިގެން ތިބޭ އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް ކޮށްފައިވަނީ ކޮން ކަމެއްތޯ އެއީ މިއަދު އެތައް ބަޔަކު ކުރަމުން އަންނަ ސުވާލެކެވެ.

އެއާޕޯޓުތަކުގެ އިތުރުން ލަންކާގައި ދިރިއުޅޭ މުސްލިމުންގެ ފިހާރަތަކާއި މިސްކިތްތަކަށް ވެސް އެހެން ދީން ތަކުގެ ރައްޔިތުންގެ އަނިޔާއާއި ގެއްލުން ލިބެމުން އަންނަ އިރު ލަންކާ ފުލުހުންގެ ފަރާތުން މުސްލިމުންނަށް ލިބޭ އެއްބާރުލުން ކުޑަ ކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން މުސްލިމުން އެއްޗެހި ގަންނަން ފިހާރަތަކަށް ދިއުމުން އެއްޗެހި ވިއްކަން ދެކޮޅު ހެދުން ފަދަ ގޮންޖެހުންތައް ލަންކާގައި ދިރިއުޅޭ ދިވެހިން އަންނަނީ ހިއްސާ ކުރަމުންނެވެ.

ކުދިންނަށް ތައުލީމު ދިނުމަށް ގިނަ ދިވެހި އާއިލާތައް ލަންކާގައި ދިރިއުޅެމުން އަންނަ އިރު ސަލާމަތީ ސަބަބުތަކާ ހެދި ވަރަށް ގިނަ ބަޔަކު ވަނީ އެނބުރި ގައުމަށް ބަދަލުވެފައެވެ.