Last Updated: August 22, 21:36
Thursday, August 22, 2019
ޚަބަރު ގާސިމް އިބްރާހިމް

ޖޭޕީން ރައީސްއާ ދެކޮޅެއް ނުވާނެ، މަޑުން މިބިތީ ގައުމުގެ ހަމަޖެހުމަށް: ގާސިމް

ޖުމުހޫރީ ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅެއް ނުވާނެ ކަމަށާއި މިވަގުތު އެޕާޓީން މަޑުން ތިބީ ގައުމުގެ ހަމަޖެހުމަށް ކަމަށް ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބަށް ފަހު ޖޭޕީ އަދި ގާސިމް ރަސްމީގޮތުން ފުރަތަމަ ފަހަރަށް ސިޔާސީ ހަރަކާތެއް ބާއްވާފައި މިވަނީ ރޭގައެވެ. ގާސިމް ވިދާޅުވީ އިންތިޚާބަށް ފަހަށް ޖޭޕީ މަޑުވެލީ ގައުމުގެ ހަމަޖެހުމަށް ފުރުސަތު ދެއްވުމަށް ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިމާކުރަން ކުރާ އެއްވެސް ކަމެއްގައި އެމަނިކުފާނާއި ޕާޓީ ބައިވެރިނުވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއި އަދާލަތާއި ރައީސް މައުމޫނާއެކު އުފެދުނު ކޯލިޝަނުގައި ޖޭޕީންވެސް ބައިވެރިވެފައިވާއިރު މަޖިލިސް އިންތިޚާބު ކައިރިވެފައިވަނިކޮށް ކޯލިޝަނުގައި ރެނދުލީ ޖޭޕީން އިދިކޮޅާ ބައިއަތު ހިފުމުންނެވެ.

ގާސިމް އިބްރާހިމްގެ ފާޑުކިޔުންތައް އެމްޑީޕީގެ ރައީސް ނަޝީދާއި ރައީސް އިބޫ ސޯލިހަށް ވެސް އެންމެ ފަހުން އަމާޒުވެގެން ގޮސްފައިވި ނަމަވެސް އިންތިޚާބުން ޖޭޕީއަށް ލިބުނީ ގާސިމްގެ ގޮނޑި ލައިގެން އެންމެ ފަސް ގޮނޑިއެވެ.

އެދަނޑިވަޅުގައި ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ޕާޓީން ޔާމީނާއި ގުޅުމަށް ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރެއްވިއެވެ.

އިންތިޚާބުން ލިބުނު ނާކާމިޔާބީއާއެކު ގާސިމް، ޖޭޕީގެ ވައިބާ ގްރޫޕެއްގައި ވިދާޅުވީ، ކެމްޕޭނު ކުރުމުގެ ބަދަލުގައި ބައެއް ބޭފުޅުން ތިއްބެވީ ގާސިމަށް ބަވަން ކަމަށާއި މިހާރު ދެން އެއްވެސް އެއްޗެއް ވިދާޅުވުމުގެ ބޭނުމެއް ނެތް ކަމަށެވެ.