Last Updated: June 10, 06:03
Wednesday, June 10, 2026
ވިޔަފާރި

ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދޭނެ: ރައީސް

"ގައުމާއިގެން ކުރިއަށް" އައްޑޫ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. ފޮޓޯ/ ޒޫނާ

އައްޑުއަކީ ސިންގަޕޫރު ފަދަ ސިޓީއެއް ގޮތަަށް ތަރައްގީ ކުރެވިދާނެ ތަނެއް ކަމަށާއި އައްޑޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދޭނެ ކަމާ މެދު ވެސް އެއްވެސް ޝައްކެއް ނެތް ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވެއްޖެ އެވެ.

"ގައުމާއިގެން ކުރިއަށް" ކޯލިޝަނުން ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ
އައްޑޫ އޮތީ އިންޑިއާ ކަނޑުގެ މެދުގައި ކަމަށް ވާތީ، އެއީ ދަތިތަކެއް ނެތި ސިންގަޕޫރު ފަދަ ސިޓީއެއްގެ ގޮތަށް އައްޑޫ ތަރައްގީ ކުރެވިދާނެ ކަމަށެވެ.

"އިންޑިއާ ކަނޑުގެ ވަށައިގެންވާ ގައުމުތަކާ ގާތް ގޮތަކަށް މިތަން މި އޮތީ. އަދި ހަމަ އެހެން އިންޓަނެޝަނަލް ޝިޕިން ލޭނެއް ވަރަށް ގާތުގައި އޮތް ތަނެއް މިއީ. އެހެންވީމާ އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް އައްޑޫ ސިޓީގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދޭނެ ކަމާ މެދު،" ރައީސް ވަހީދު ވިދާޅުވި އެވެ. ""އަޅުގަނޑު އަދި ވައުދުވާކަށް ނުފަށަން. އެހެންވީމާ ވެދާނެ މިއީ ފުރަތަމަ ވައުދު ކަމަށް. ތެދެެއް އެއީ ހަމަ އައްޑޫ ސިޓީއަކީ ހަމަ ސިންގަޕޫރު ފަދަ ސިޓީއަކަށް ވެގެން ހިނގައި ދާނެ. އެކަން އޮތީ އަޅުގަނޑުމެންގެ އަތް މަތީގައި. އަޅުގަނޑުމެން އެކަން ކުރީމާ ﷲގެ އިރާދަ އާ އެކު އެކަން ކުރެވޭނެ. އެހެންވީމާ އަޅުގަނޑު މި ދެންނެވީ އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކުރަމާ ހިންގަވާށޭ. މި ދަނޑިވަޅަކީ މިއީ ސިޔާސީ ވާދަކަމުގެ ތެރޭގައި އެކިއެކި ވާހަކަަތައް ދައްކައިގެން އެކިއެކި ފިކުރުތަކަަށް އަޅުގަނޑުމެން ދާންވީ ވަގުތެެއް ނޫން. މި ވަގުތަކީ މިއީ އަޅުގަނޑުމެންގެ ތަރައްގީ މި ހުރިހާ ކަމަކަށް ވުރެ ވެސް، އަޅުގަނޑުމެންގެ ސިޓީ މިއީ ޒަމާނީ ތަހުޒީބީ ސިންގަޕޫރު ފަދަ ސިޓީއަކަށް ހެދުމަަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަންވީ ވަގުތު. އެހެންވީމާ މިތަނަަށް އައިސް ފާޑުފާޑުގެ ސިޔާސީ ވާހަކަ ދައްކާ މީސްމީހުންގެ ބަސް ނާއްސަވާ. އަޅުގަނޑުމެން އެންމެން އެކީގައި މި މަސައްކަތް ކުރަން ހިންގަވާ."

ރައީސް ވިދާޅުވީ މިއީ އެހެން ހުރިހާ ކަމަކަށް ވުރެ ތަރައްގީގެ ކަންކަން އިސްކޮށް، "ތަހުޒީބީ ސިންގަޕޫރު ފަދަ ސިޓީއަކަށް" ހެދުމަށް މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށެވެ.

އަދި އައްޑޫގެ ތަރައްގީއަށްޓަކައި ދައްކަވަނީ "ހުވަފަނެއްގެ ވާހަކައެއް ނޫން" ކަމަށާއި އެއީ ވައުދުތަކެއް ވެސް ނޫން ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.