Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ރަސްމީ ނަތީޖާގެ ކުރިން ވަޅިން ބިރުދައްކާ، ފައިސާވެސް ހުށައެޅުނު: އަކުރަމް

އީސީގެ މެމްބަރު އަހްމަދު އަކްރަމް - ފޮޓޯ: މިނިވަން ނިއުސް

ހުސްވި އަހަރު ސެޕްޓެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދާޢިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ވަޅިން ބިރު ދެއްކުމުގެ އިތުރުން ފައިސާ ވެސް ހުށައެޅި ކަމަށާއި ހަތަރު ދުވަސް ވަންދެން ކޮޓަރިއެއްގައި ވޯޓުކަރުދާސް ބަލަހައްޓަން ފޯރިމަރަން ތިބި ކަމަށް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަކްރަމް ވަނީ އިންތިޚާބަށް ފަހު ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ފިޔަވައި އެހެން ހުރިހާ މެމްބަރުން ވަގުތީ ގޮތަކަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިބި ސަބަބު ހާމަކޮށްފައެވެ.

އަކްރަމް ވިދާޅުވީ އީސީގައި ވޯޓު ކަރުދާސް ބަލަހައްޓަމުން ދިޔައިރު ހަތަރު ދުވަސް ވަންދެން ކަރުދާސް ބަލަހައްޓަން މެމްބަރުން ކޮޓަރިއެއްގައި ތިބި ކަމަށެވެ. އަދި ފުލުހުން ވެސް އިމާރާތުގައި ފޯރި މަރަމުން ދިޔަ ކަމަށާއި ފުލުހުން އެއިމާރާތުގެ ތިން ކޮޓަރިއަކަށް އެބޭފުޅުން ހޯދަން އެކި ފަހަރު މަތިން ވަން ކަމަށް ބުނެފައިވެއެވެ.

އީސީގެ މުވައްޒަފުންނަށް ގުޅައި ބިރު ދެއްކުމުގެ އިތުރުން ވަޅި ދިއްކުރުމަށް ފަހު ވެސް އެދުވަސްވަރު ބިރު ދެއްކި ކަމަށާއި ނަތީޖާ ބަދަލުކުރުމަށް ބޮޑެތި އަދަދުތަކުން ފައިސާ ވެސް ހުށައަޅަމުން ދިޔަ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނުގެނެސް ރައްޔިތުންނާ ހަމައަށް ނަތީޖާ އައިސްފައިވަނީ އީސީގެ ހުރިހާ މެމްބަރުން ސާބިތުކަންމަތީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ތިބުމުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާއަށް ފަހަށް އީސީގެ ހުރިހާ މެމްބަރުން ވަނީ ކުއްލި ގޮތަކަށް ލަންކާއަށް ވަޑައިގެންފައެވެ. އެކަމާ ގުޅޭގޮތުން އީސީގެ ރައީސް، ޝަރީފް ވިދާޅުވީ މެމްބަރުން ވަޑައިގަންނަވަން ޖެހުނީ ސަލާމަތީ ސަބަބުތަކަށް ކަމަށެވެ. ނަމަވެސް ޝަރީފް ހުންނެވީ ރާއްޖޭގައެވެ.

ރިޔާސީ އިންތިޚާބުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިވެވަޑައިގެންނެވުމުން އެމަނިކުފާނު ވަނީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށައަޅާފައެވެ. ނަމަވެސް ކޯޓުން ވަނީ ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ނިންމައި ހުކުމްކޮށްފައެވެ.