Last Updated: April 25, 11:51
Thursday, April 25, 2024
ޚަބަރު މަޖްލިސް ރައީސް

މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އަފީފް: ރައީސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވަނީ މަޖިލީހުގެ ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ދެއްވި ތަރާވީހުގައި ބައިވެރިވެވަޑައިގަތުމަށްފަހު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން މަޖިލީހުގެ ރައީސަކަށް ގެންނަންވީ ބޭފުޅެއްގެ ނަން ވިދާޅުވުން އެހާ ރަނގަޅު ނުވާނެ ކަމަށާއި ނަމަވެސް އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އަފީފް އަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް އަންނާނީ އެމްޑީޕީގެ މެމްބަރެއް ކަމަށްވާއިރު އެ މަގާމުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެގެން ގޮސްފައެވެ. އެގޮތުން އަފީފްއާ އެންމެ ގާތުން އެ މަގާމަށް ވާދަކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

"އަޅުގަނޑަށް އަސްލަމާއެކީގައި ވެސް މަސައްކަތް ކުރެވިފައި އެބަހުރި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަސަން އަފީފަކީ މިކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ އަސްލަމަށެވެ.

އަފީފް އާއި އަސްލަމްގެ އިތުރުން ވެސް މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން ވާދަކުރައްވައެވެ. އެ ބޭފުޅުންނަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

އާ މަޖިލިސް ހުވާ ކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށްވާއިރު، އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުން އޮންނާނެއެވެ.