Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު މާރާމާރީ

ދިއްފުށީގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ކ. ދިއްފުށީ ގެއަކުން ވައްކަން ކުރި މީހަކު ހޯދުމަށް ރަށުގެ ރައްޔިތުން ނިކުމެ ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ޒަހަމްވި ދެމީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބި އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފަށާގައެވެ.

މި ހަމަނުޖެހުމުގައި އިތުރު ބަޔަކުވެސް ޒަހަމްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ދިއްފުށިން ވާހަކަ ދެއްކި މީހަކު ބުނީޫ ރަށުގައި ވައްކަން ކުރުން އިތުރުވުމާއި ގުޅިގެން އެކަން ހައްލު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަމަށް ބުނެ ރަށުގެ ގިނަ ބަޔަކު ނިކުމެ ވަގުން ހިފުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ޒަހަމްވި ދެ މީހުންގެ ތެރެއިން އެކަކީ ވައްކަން ކުރުމުގައި ހަރަކާތްތެރިވި މީހެކެވެ.

ފުލުހުން ބުނީ ކ. ދިއްފުށީގައި މާރާމާރީ ހިންގައި ތޫނު އެއްޗަކުން ހަމަލާދީ ދެމީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:30 ހާއިރު ކަމަށެވެ. މި ހާދިސާގައި ޒަހަމްވި ދެމީހުންނަށް ދިއްފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ޒަހަމްވި ދެމީހުންގެ ތެރެއިން އެކަކު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިހާދިސާގެ ތަފްސީލު ލިބެމުންދާވަރަކަށް ހިއްސާ ކުރަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.