Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު މަޖްލިސް ރައީސް

މަޖްލިސް ރައީސަކަށް އަފީފު ގެނައުމަށް ޕީޕީއެމް ކޯލިޝަނުން ތާއިދުކޮށްފި

ޕީޕީއެމް ޕީޖީ ލީޑަރ ނިހާނު، ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފަށް ތާއިދު ކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

ޕީޕީއެމް ކޯލިޝަނުން ރޭ ދަންވަރު ބޭއްވި ކުއްލި ނޫސް ކޮންފަރެންސެއްގައި ޕީއެންސީގެ ނައިބު ރައީސް އަޙުމަދު ނިހާނު ވިދާޅުވީ، ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ގެނައުމަށް، ރައީސް އިބްރާޙިމް މުޙައްމަދު ޞޯލިޙުއާއި، ރައީސް ނަޝީދު ވެސް ތާޢީދު އޮތް ވިލުފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ހަސަން އަފީފަށް ތާޢީދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނިހާން ވިދާޅުވީ ޕީޕީއެމް ކޯލިޝަނުން މިގޮތަށް ނިންމީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފުރިހަމަ އެއްބާރުލުންދީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ނަގާފައިވާއިރު މިހާރު އެންމެ ބޮޑު ބަހުސެއް އޮތީ މަޖްލިސްގެ ރައީސަކަށް ގެންނަވާނެ ބޭފުޅަކާއި ގުޅޭގޮތުންނެވެ. މަޖްލިސްގެ ރައީސް ކަމަށް އަފީފުގެ އިތުރުން ހިތަދޫ އުތުރުދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އަސްލަމްއަށް ރައީސް ނަޝީދު ތާއިދު ކުރެއްވި ނަމަވެސް ރޭ މަޖްލިސް އިދާރާގައި ބޭއްވި ތަރާވީހަށްފަހު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަޖްލިސްގެ ރައީސަކަށް އެންމެ އެކަށީގެންވާ މެމްބަރަކީ ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފު ކަމަށެވެ.

މަޖިލިސް ރައީސް އިންތިޚާބު ކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު މަޖިލިސް މެންބަރުން ހުވާ ކުރަން ބާއްވާ ޖަލްސާގައެވެ. މަޖިލިސް ރައީސް އަކު އިންތިޚާބު ކުރާނީ މެންބަރުންގެ ސިއްރު ވޯޓަކުންނެވެ.