Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު ފޮރިން މިނިސްޓަރު

ވިސާ ނެތި ކުށްވެރިން ފިލައިގެން ލަންކާގައި އެބައުޅޭ: ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ލަންކާގެ ބޮޑުވަޒީރު ރަނިލް އާއި އެކު

އަވައްޓެރި ސްރީލަންކާގައި ވިސާ ނެތި ފިލައިގެން ބައެއް ކުށްވެރިން އުޅެމުންދާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާ ތަކުގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ވިސާ ނެތި ލަންކާގައި އުޅެމުންދާ ބައަެއް ދިވެހިން ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސް އެމީހުންގެ މައުލޫމާތު އެމްބަސީ އާއި ހިއްސާ ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މައުލޫމާތު ހިއްސާ ކުރި ބައެއް ފަރާތަތްކުގެ ތެރޭގައި ރާއްޖެއިން ފިލައިގެން ގޮސް އުޅޭ ކުށްވެރިން ހިމެނޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ ލަންކާގެ ގާނޫނާއި އެއްްގޮތަށް އެފަދަ ފަރާތްތައް ޖުރިމަނާކޮށް އެމްބަސީން ދޭ ހާއްސަ ލިޔުމަކަށް ބަލައި، ވިސާ އާކޮށްދިނުމަށް ދިވެހި ސަރުކާރުން ލަންކާގައި އެދިފައިވާކަމަށެވެ.

ޝާހިދު މިގޮތަށް ވިދާޅުވިއިރު ނޮވެމްބަރު 3 އުދުވާނީ ހަމަލާގެ މޭސްތިރި އަބްދުﷲ ލުޠުފީވެސް ފިލައިގެން ދިރިއުޅެމުންދަނީ ލަންކާގައެެވެ. އޭނާ ހޯދުމަށް ކުރީ ސަރުކާރުތަކުން ނޯޓިސް ނެރެފައިވެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެގައުމުގައި ދިރިއުޅެމުންދާ ބޭރު މީހުން ބަލައި ފާސްކޮށް ބައެއް މީހުން ގައުމުން ފޮނުވާލުމުގެ މަސައްކަތް ލަންކާގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް ވިސާ ނެތި އެގައުމުގައި އުޅެމުންދާ ބައެއް ފަރާތްތައް ހިފަހައްޓާފައިވެއެވެ.