ބޮލީވުޑްގެ ކިންގް ހާން ޝާހްރުކާ ހާނަށް ތިން ވަނަ ދަރިއަކު ލިބެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހް އާއި ގޯރީގެ 22 އަހަރުވީ ކައިވެންޏަަށް މިހާތަނަށް ދެ ކުދިން ލިބިފައިވާ އިރު، އެ އާއިލާ މިހާރު އަންނަނީ އިތުރު ކުއްޖަކަށް އިންތިޒާރު ކުރަމުންނެވެ.
އެ މީހުން ތިން ވަނަ ދަރިއަކު ހޯދަނީ އާމިރް ހާނާއި ކިރަން ރާއޯގެ ދަރި ބައިގެން ދިއުމާ ގުޅިގެން އެ ދެ މީހުން އަލުން ކުއްޖަކު ހޯދި ގޮތަށް "ސަރޮގެސީ" ހަދައިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެގޮތުން މިކަމުގައި އެ ދެމަފިރިންނަށް އެހީތެރިކަން ފޯރުކޮށް ދެނީ ވެސް އާމިރުގެ އާއިލާ އަށް އެހީވި ޑޮކްޓަރެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާއިލާ އަށް މެމްބަރަކު އިތުރު ކުރުމުގެ ނިންމުމަކީ ގޯރީ ބޭނުންވެގެން ނިންމި ނިންމުމެކެވެ. އަދި އަލަށް ލިބެން އުޅޭ ކުއްޖާއަކީ ފިރިހެން ކުއްޖެއް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެހެންވެ އާއިލާގެ އާ މެމްބަރަށް މަރުހަބާ ކިއުމަށް ޝާހްގެ ގެ މަންނަތު މިހާރު ވަނީ ތައްޔާރީތައް ވެސް ވާން ފަށައިފަ އެވެ.
ޝާހް އާއި ގޯރީ އަށް ދެ ޖިންސްގެ ދެ ކުދިން ލިބިފައިވާ އިރު އެ ކުދިން މިހާރު ވަނީ ފުރާވަރަށް ވެސް އަރައިފަ އެވެ. އެއީ އަރިއަން، 15، އާއި ސުހާނާ، 13، އެވެ.