Last Updated: April 25, 10:47
Thursday, April 25, 2024
ސިޔާސީ

"ރައީސްގެ ތާއީދު އޮތްކަމާމެދު ޝައްކެއް ނެތް"

ފެށޭ ހަފްތާގައި ހުވާ ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް ކަމާމެދު ޝައްކެއް ނެތް ކަމަށް އަސްލަމް ވިދާޅުވެއްޖެއެވެ.

ރޭ، މަޖިލިސް ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ހަސަން އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އެކުގައިވެސް މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އަދި ދެ ބޭފުޅުންނަކީވެސް ކަމަށް ގާބިލް ބޭފުޅުން ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ރައީސް ވަނީ ހަސަން އަފީފަށް ތާއީދުކޮށް މަޖިލިސް ރައީސްކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އަފީފްގެ ގާބިލުކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވައި، އަފީފް ކޮޅަށް ބުރަވެފައެވެ.

އެކަމާ ގުޅޭގޮތުން އަސްލަމް "މިހާރު" އަށް ވިދާޅުވީ، ރައީސް އެގޮތަށް ޖަވާބު ދެއްވީ ނޫސްވެރިޔާ ސުވާލުކުރި ގޮތުން ކަމަށެވެ. އަދި އެމަނިކުފާނަށް މަޖިލިސް ރައީސް ކަމުގެ މަގާމަށް ގެނައުމަށް ރައީސްގެ ފުރިހަމަ ތާއީދު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މައްޗަނގޮޅި މެދު ދާއިރާއަށް އިންތިޚާބުވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަސްލަމް މަޖިލީހުގެ ރައީސްގެ މަގާމަށް ގެނައުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ އިންތިޚާބީ މެމްބަރުންގެ މެދުގައި ރައީސާއި ނައިބު ރައީސް ކަމަށް ވާދަކުރާނެ މެމްބަރަކު ހުށައެޅުމަށް ހޯމަ ދުވަހު ވޯޓެއް ނެގުމަށް ޕާޓީން ވަނީ މިހާރު ތައްޔާރުވެފައެވެ.