Last Updated: April 26, 23:59
Friday, April 26, 2024
ސިޔާސީ

ޗާގޮސް މައްސަލާގައި ރާއްޖޭގެ ނިންމުމަށް ދުންޔާ ފާޑުވިދާޅުވެއްޖެ

އިނގިރޭސިންގެ އަތުން ޗާގޮސް ނަގައި މޮރީޝިއަސް އަށް ދިނުމަށް އދ. ގައި ނެގުނު ވޯޓުގައި ދިވެހި ސަރުކާރުން އިނގިރޭސިންނާ އެއްކޮޅަށް ނިންމި ނިންމުމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ފާޑުވިދާޅުވެއްޖެއެވެ.

ދުންޔާ ވަނީ އެހެން ގައުމެއްގެ އަތް ދަށަށް ގައުމެއް ގެންދިއުމަށް ވޯޓު ދިނުމަކީ ކޮން ކަހަލަ ސިޔާސަތެއްތޯ ވިދާޅުވެ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ ސުވާލު އުފައްދާފައެވެ. އަދި އދ. އިން ތާއީދު ކުރި ގޮތާއި ޚިލާފަށް ދިވެހިން ވޯޓު ދިނުމަކީވެސް އާދަޔާ ޚިލާފު ކަމެއް ކަމަށް ދުންޔާ ސިފަ ކުރައްވާފައިވެއެވެ.

ޗާގޮސް އިނގިރޭސިންގެ އަތް ދަށުން ނެގުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ ހަ ގައުމެކެވެ. އެއީ ދިވެހިންގެ އިތުރުން އިނގިރޭސިންނާއި އެމެރިކާ، އިޒުރޭލު އަދި އޮސްޓްރޭލިއާ އަދި ހަންގޭރީއެވެ.

ސަރުކާރުން ބުނެފައިވަނީ މޮރީޝަސް އާ ދެކޮޅަށް ވޯޓުދިނީ ރާއްޖޭގެ ކޮންޓިނެންޝަލް ޝެލްފް ހިމާޔަތް ކުރަން ކަމަށެވެ. އެއީ އިނގިރޭސިން ނުވަތަ އެމެރިކާއާ އެއްކޮޅަށް ދިން ވޯޓެއް ނޫން ކަމަށާއި އަދި އެއީ މޮރީޝަސްއާ ދެކޮޅަށް ދިން ވޯޓެއްވެސް ނޫން ކަމަށް ޚާރިޖިއްޔާއިން ބުނެފައިވެއެވެ.