Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ރައްޔިތުންގެ އިތުބާރު އޮތް ހޮސްޕިޓަލަކަށް އެޗްއާރްއެޗް ހަދާނަން: ވަހީދު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި އަހުމަދު ވަހީދު

އައްޑޫ ސިޓީގެ މައި ހޮސްޕިޓަލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހޮސްޕިޓަލަކަށް ހަދާނެ ކަމަށް ހޮސްޕިޓަލުގެ ވަގުތީ މެނޭޖަރ އަހުމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އެޗްއާރްއެޗްގެ ޚިދުމަތްތައް ދުވަހެއް ދުވަހަކަށް ވުރެ ދަށްވެ އެންމެ ފަހުން ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ފެށުމުން ސަރުކާރުން ވަނީ ބ. އަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ވަގުތީ ގޮތުން ހިތަދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުވެސް އަދާ ކުރައްވަމުން ގެންދަވާ ވަހީދު "މިހާރު" އަށް ވިދާޅުވީ ދިމާވެފައިވާ ދަތިތައް ވީހާވެސް އަވަހަށް ހައްލު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. މިވަގުތު ހުރި އެންމެ ބޮޑު ދައްޗަކީ މީހުންނާއި ޖާގައިގެ ދަތިކަން ކަމަށް ވިދާޅުވެފައިވެއެވެ.

އެގޮތުން އިދާރީ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމާއި ޑޮކްޓަރުންގެ ދަތިކަން ވެސް ދިމާ ނުވާގޮތަށް ހޮސްޕިޓަލްގެ ކަންކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަހީދު ވިދާޅުވެފައިވެއެވެ. އެޗްއާރްއެޗް ގައި ކަށީގެ ޑޮކްޓަރެއް ނެތްތާ ހަމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިމަހުގެ 11 ވަނަ ދުވަހު އަންނަން ބުނި ކަށީގެ ޑޮކްޓަރަށް އަދިވެސް އާދެވިފައެއް ނުވެއެވެ.

މީގެ އިތުރުން ރީޖަނަލް ހޮސްޕިޓަލެއްގައި ހުންނަން ޖެހޭ ފެންވަރުގެ އިކުއިޕްމަންޓު ނެތުމަކީ އެޗްއާރްއެޗަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ދާދި ފަހުންވެސް ހޮސްޕިޓަލަށް ވިހޭ ކުއްޖަކު ހާލު ދެރަވެ މާލެ ފޮނުވާލަން ވަނީ މަޖުބޫރުވެފައެވެ. ތުއްތު ކުއްޖާ ވަނީ މާލޭ އައިޖީއެމް ހޮސްޕިޓަލުގައި ނިޔާވެފައެވެ. އެޗްއާރްއެޗުގައި އެކުއްޖާއަށް ވަގުތުން ފަރުވާ ދިނުމަށް ނެތީ ނިއޯނޭޓަލް އިންކިއުބޭޓަރެއް ކަމަށް "އައްޑޫލައިވް" އަށް އެނގިފައިވެއެވެ.

ވަޙީދު ވަނީ ހޮސްޕިޓަލާ ހަވާލުވުމަށް ފަހު މުވައްޒަފުންނާއި އައްޑޫ ސިޓީ ކައުންސިލާއި ވެސް ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.