Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު މަޖްލިސް ރައީސް

ދާއިރާގެ މެމްބަރުން ރޮޒޭނާއަށް: އަޅުގަނޑުމެން ބޭނުމީ އަސްލަމް މަޖްލިސް ރައީސަކަށް ގެންނަން!

ރޮޒޭނާގެ ކެމްޕެއިން ފެއްޓެވުމަށް މަރަދޫފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި އަސްލަމް އާއި ރޮޒޭނާ، އަސްލަމް އާއި އެކޮޅަށް އެންމެ ބޮޑަށް ކެމްޕެއިން ކުރައްވަނީ މެމްބަރު ރޮޒޭނާ، ފޮޓޯ: އައްޑޫލައިވް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމުގެ މައްސަލާގައި އައްޑޫ މީދޫ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ އިސް މެމްބަރުން އެދެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފަޔާއެކު ކުރިއަށް ދިޔުމަށް ކަމަށް އެ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ވިދާޅުވުމަށް އެމްޑީޕީގެ މެމްބަރުން ރައްދުދީފިއެވެ.

މަޖިލިސް ރައީސް ކަމުގެ ވާދަވެރިކަން އެމްޑީޕީގެ ތެރޭގައި ބޮޑުވެފައިވާއިރު، އެ މަގާމަށް އެންމެ ބޮޑު ވާދައެއް ކުރައްވަނީ ވިލުފުށީ ދާއިރާ އަށް އިންތިހާބުވެ ވަޑައިގެންފައިވާ ހަސަން އަފީފް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ދެމެދުގައެވެ.

އަދި ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މަގާމަށް ގެންނަން އެންމެ އެކަށީގެންވާ ބޭފުޅަކީ އަފީފް ކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހު މިހެން ވިދާޅުވިއިރު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ އަސްލަމް އަށެވެ.

މިކަމުގައި ދާއިރާގެ ރައްޔިތުންގެ ވިސްނުން ހުރިގޮތް ބަލައިފިންތޯ ޓްވިޓާގައި މީހަކު މެމްބަރު ރޮޒެއިނާ އާއި ސުވާލުކުރުމުން އޭނާ ވިދާޅުވީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ މެމްބަރުންނާއި އެކަން ހިއްސާކޮށްފައިވާނެ ކަމަށާއި އެގޮތުން އެ ފަރާތްތަކުން އެދެނީ ރައީސް ސޯލިހުގެ ލަފަޔާއެކު ކުރިއަށް ދިޔުމަށް ކަމަށެވެ.

ރޮޒޭނާގެ މި ޓްވީޓަށް މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރުން ދަނީ ފާޑު ކިޔަމުންނެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ހިއްސާ ކުރި މީދޫ ދާއިރާގެ މެމްބަރަކު ބުނީ މީދޫ ދާއިރާގެ 75 ޕަސެންޓު ރައްޔިތުން ބޭނުންވަނީ މަޖްލިސް ރައީސަކަށް އަސްލަމް ގެނައުމަށް ކަމަށާއި، މެމްބަރު ހިޔާލު ހޯއްދެވީ ކޮން ބައެއްގެ ފަރާތަކުންކަން ނޭގޭ ކަމަށެވެ.

"މީދޫ ދާއިރާގެ 75 ޕަސެންޓު ރައްޔިތުން ބޭނުންވަނީ މަޖްލިސް ރައީސަކަށް އަސްލަމް ގެނައުމަށް ކަމަށާއި، މެމްބަރު ހިޔާލު ހޯއްދެވީ ކޮން ބައެއްގެ ފަރާތަކުންކަން ނޭގޭ"

އެމްޑީޕީ މެމްބަރަކު ބުނެފައިވެއެވެ.

އިތުރު އެމްޑީޕީ މެމްބަރަކު ވަނީ ކޮން އިސްވެރިންތަކެއްތޯ ރޮޒޭނާ އާއި ސުވާލު ކުރައްވާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އެބައެއްގެ ނަން ހާމަކުރަން ނުކެރުނު އިރު ކަމަނާއަކީ ޑީއާރުޕީ ފިކުރުގެ މީހެއްކަން މިރާއްޖޭގެ އެންމެންނަށް އެނގޭކަމަށެވެ.

މަޖްލިސްގެ ރައީސް ކަމަށް އަސްލަމް ހޮވުމާއި ދެކޮޅަށް އެންމެ އިސްކޮށް މަސައްކަތް ކުރައްވާ މެމްބަރަކީ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާއެވެ. ރޮޒެއިނާ ގެންދަވަނީ އަސްލަމްއަށް ތާއިދު ކުރައްވާ ފަރާތްތަކަށް ސޯޝަލް މީޑިއާގައި ހޫނު ރައްދު ދެއްވަމުންނެވެ.

މަޖްލިސްގެ ރައީސަކަށް ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވަނީ އެމަނިކުފާންގެ ޖަޒީރާ ރައީސް ކެމްޕެއިންގެ ކެމްޕެއިން މެނޭޖަރ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމަށެވެ. އަސްލަމް މަޖްލިސްގެ ރައީސަކަށް ގަނައުމަށް އައްޑޫގެ ގިނަ ރައްޔިތުން ތިބީ އެދިއެދިއެވެ. އައްޑޫގެ 7 މެމްބަރުންގެ ތެރެއިން ފާޅުގައި އަސްލަމް އާއި ދެކޮޅަށް ނިކުމެ ހުންނެވީ މެމްބަރު ރޮޒެއިނާއެވެ.

ކުރިން ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރޮޒޭނާއަކީ ނަޝީދުގެ ވެރިކަން މަގުމަތިން ވައްޓާލުމުގައި އިސްކޮށް ހުންނެވި މެމްބަރެކެވެ. ނަޝީދަށް އޭރުވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ރޮޒޭނާ މިހާރުވެސް އެކި ޕްލެޓްފޯމްތަކުގައި ނަޝީދަށް ފާޑު ވިދާޅުވެއެވެ. އެހެންވެ ބައެއް އެމްޑީޕީ މެމްބަރުންގެ ނުރުހުން ރޮޒޭނާއަށް އޮވެއެވެ.

އަފީފް އާއި އަސްލަމްގެ އިތުރުން ވެސް މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން ވާދަކުރައްވައެވެ. އޭގެތެރޭގައި ރޮޒެއިނާ ވެސް ހިމެނޭއިރު ދެން ހިމެނެނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

އާ މަޖިލިސް ހުވާ ކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށްވާއިރު، އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުން އޮންނާނެއެވެ.