Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

އަވަށު ބޯޑް އިސްތިއުނާފް ލަސްވަނީ ލިޔުންތައް ނުލިބިގެން!

ހުޅުމީދޫ އަވަށު ބޯޑްގެ ނައިބް ރަައީސް: އަވަށު ބޯޑް މައްސަލަ އިސްތިއުނާފް ކުރާނެ. ފޮޓޯ/ އިބްރާހީމް ޒުހުރީ

އައްޑޫ ސިޓީ ކައުންސިލުން އުފެއްދި އަވަށު ބޯޑުތަކަކީ ލާމަރުކަޒީ ގާނޫނާ ހިލާފަށް އުފެއްދި ބޯޑުތަކެއް ކަމަށް ނިންމައި، އެ ބޯޑުތަކަށް އައްޔަންކޮށްފައިވާ މީހުންގެ ވަޒީފާތައް ބާތިލް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުން ލަސްވަނީ ކޯޓުން ލިބެން ޖެހޭ ލިއުންތައް ލަސްވެގެން ކަމަށް ކައުންސިލުން ބުނެފި އެވެ.

މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ ކޯޓްގެ ލިޔުންތައް ލިބުނުހާ އަވަހަށް މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާނެ ކަމަށެވެ.

"މިކަމާ ގުޅޭ ލިޔުންތައް ހޯދަން އަޅުގަނޑުމެން ކޯޓަށް ހުށަހަޅައިގެން އުޅޭތާ މިހާރު ހަފުތާއެއްހާ ދުވަސްވެއްޖެ. އެކަމަކު އަދި ވެސް އެއްވެސް ޑޮކިއުމަންޓެއް ލިބޭ ގޮތެއް ނުވޭ،" ޓޮމް ވިދާޅުވި އެވެ. "ކޯޓުން ލިބެން ޖެހޭ ލިޔުންތައް ލިބުމާ އެކު މައްސަކަ އިސްތިއުނާފް ކުރަން ހުށަހަޅާނެ ކައުންސިލުން."

އޭނާ އިތުރަށް ވިދާޅުވީ މި މައްސަލާގައި ކޯޓުން ހުކުމް ކުރީ، ކައުންސިލުން ފާހަގަކުރި އެއްވެސް ނުކުތާއަކަށް ރިއާޔަތް ނުކޮށް ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ ސައްހަ ނިންމުމެއް ކަމަކަށް. އަނެއްކާ ކައުންސިލުން ބޯޑުތައް އުފައްދާފައި ވަނީ ސަރުކާރުގެ ކަމާބެހޭ ހުރިހާ ފަރާތްތަކާ ވާހަކަ ދައްކައި މަޝްވަރާ ވެސް ކުރުމަށް ފަހު. އަނެއްކާ އަވަށު ބޯޑުތަކަށް ލާފައި ތިބި މީހުންގެ މުސާރަ ވެސް ބަޖެޓްގައި ހިމަނާފައި އެބަ އޮވޭ،" އޭނާ ވިދާޅުވި އެވެ. "އެހެންވެ މީގައި ފުށުން އެރުންތަކެއް އެބަ ހުރި. ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބޭ އިހުތިޔާރުގެ ދަށުން ބޯޑުތައް އުފެއްދީ. އެކަމަކު ރާއްޖޭގައި ހެދިފައި މި ހުންނަ ގާނޫންތަކަށް ބަލާ އިރު އެއް ގާނޫނު އަނެއް ގާނޫނާ ފުށު އަރާ މައްސަލަތަކެއް މި އުޅެނީ. އެހެންވީމާ އަޅުގަނޑުމެން މި މައްސަލަ ވިން ކުރާނަން."

އައްޑޫ އަވަށު ބޯޑުތަކަކީ ގާނޫނާ ހިލާފް ބޯޑުތަކެއް ކަމަށް ކަނޑައެޅީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ހިތަދޫ ނޫރުވާދީ އިބްރާހީމް ރަޝީދު ވަޖުދީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ގައި ކޯޓަށް ހުށަހެޅި މައްސަލަ އާ ގުޅިގެން ކުރި ހުކުމްގައި ބުނެފައި ވަނީ އަވަށު ބޯޑުތައް ުއުފައްދާފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ކަމަށެވެ.

އަދި އެ ބޯޑުތަކަށް ރައީސުންނާއި ނައިބް ރައީސުން ވެސް އައްޔަންކޮށްފައި ވަނީ އެ ގާނޫނާ ހިލާފަށް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

"…ގާނޫނުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެން ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ކަމަށް ބުނެފައިވާ އިރު އަވަށު ބޯޑު އުފެއްދުމާ ބެހޭ ގޮތުން އެލްޖީއޭ އިން އަދި ވަކި ގޮތެއް ނިންމާފައިވާކަން އެނގެން ނެތެވެ." ހުކުމުގެ ހުލާސާ ރިޕޯޓްގައިވެ އެވެ.

"…އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފަރާތުން އެ އިދާރާގެ ރަށްތަކުގެ ތެރެއިން ހިތަދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަގާމާއި ވަގުތީ ރައީސްގެ މަގާމާއި މަރަދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަގާމާއި ވަގުތީ ނައިބް ރައީސްގެ މަގާމާއި ފޭދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސްގެ މަގާމާއި ނައިބް ރައީސްގެ މަގާމާއި ހުޅުމީދޫ އޮފީހަށް އުފެއްދެވި ވަގުތީ ރައީސާއި ވަގުތީ ނައިބް ރައީސްގެ މަގާމަކީ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނުން ހިންގުމުގެ ގާނޫނާ ހިލާފަށް އުފައްދާފައިވާ މަގާމުތަކެއް" ކަމަށް ހުކުމުގައިވެ އެވެ. "…މި މަގާމުތަކަކީ ބާތިލް މަގާމުތަކެއް ކަމަށް ހުކުމްކޮށް، އެ މަގާމުތަކަށް އައްޔަން ކޮށްފައިވާ މީހުން އެ މަގާމުތަކުން ވަކި ކުރުމަށް އައްޑު ސިޓީ ކައުންސިލް އިދާރާގެ މައްޗަށް އަންގައި އަމުރުކޮށް މި ގަޒިއްޔާ ނިންމީމެވެ."

އަވަށު ބޯޑު އުފެއްދި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބުނެފައި ވަނީ އެއީ ގާނޫނާ ހިލާފަށްކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ކައުންސިލަރުންގެ އެ ނިންމުމުގެ ސަބަބުން ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އޭސީސީން ވަނީ ކައުންސިލަރުންގެ މައްޗަސް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ފޮނުވައިފަ އެވެ.