Last Updated: April 19, 16:50
Friday, April 19, 2024
ސިޔާސީ މަޖްލިސް ރައީސް

ދެ ރައީސުންނަށް: ހައްލު ނުކުރެވޭ ވަރުގެ މައްސަލައެއް އޮވެގެން ނުވާނެ!

ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ހައްލު ނުކުރެވޭ ވަރުގެ މައްސަލައެއް އެމްޑީޕީ ތެރޭގައި އޮވެގެން ނުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަދި ކުރީގެ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިފަދައިން ވިދާޅުވެފައިވަނީ މަޖްލިސްގެ ރައީސަކަށް ބޭފުޅަކު ކަނޑައެޅުމާއި ގުޅޭ ގޮތުން ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވަނިކޮށެވެ. އެމްޑީޕީގެ އާއްމު މެމްބަރުންނާއި ރައީސް ނަޝީދު ތާއިދު ކުރައްވަނީ މަޖްލިސްގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށެވެ. ރައިސް ސޯލިހު އާއި ބައެއް ވަޒީރުން ތާއިދު ކުރައްވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުއަށެވެ.

އަލީ ވަހީދު ވިދާޅުވީ ރައްޔިތުން ރައީސް ނަޝީދާއި ރައީސް ސޯލިހަށް ސުޕަމެޖޯރިޓީ ދެއްވީ ނުހަނު ފޮނި އުއްމީދުގައި ކަމަށެވެ. އަދި ހައްލު ނުކުރެވޭވަރުގެ މައްސަލައެއް ދެބޭފުޅުންގެ ދެމެދުގައި އޮވެގެން ނުވާނެކަމަށެވެ.

މަޖްލިސްގެ ރައީސްގެ މައްސަލާގައި ގިނަ ހިޔާލު ތަފާތުވުންތަކެއް ވަނީ ޕާޓީ ތެރޭގައި އުފެދިފައެވެ. ހިޔާލު ތަފާތުވުން ތަކާއި އެކު މިރޭ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި މަޖްލިސްގެ ރައީސާއި ނައިބް ރައީސް ކަނޑައަޅާނެއެވެ.