Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު މެންބަރު ރޮޒެއިނާ އާދަމް

ރޮޒެއިނާ އެމްޑީޕީގެ ސޯޝަލް މީޑިއާ ގިނަ އެކްޓިވިސްޓުން ބްލޮކްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީގެ ތެރެއިން މީހަކު ހޮވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށްފަހު ރޮޒެއިނާއަށް ފާޑުކީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެތައް އެކްޓިވިސްޓުންނެއް ބްލޮކް ކޮށްފިއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ނިންމާފައިވަނީ މަޖިލީހުގެ ރައީސަކަށް ކުރީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި ނައިބު ރައީސަކަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެނައުމަށެވެ.

މަޖިލީހުގެ ރައީސް ކަމުގެ ވާދަވެރިކަން އެމްޑީޕީގެ ތެރޭގައި ބޮޑުވެގެން ދިޔައިރު ރޮޒެއިނާ ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތާއީދު ކުރެއްވި ވިލުފުށީ ދާއިރާއަށް އިންތިހާބުވި ހަސަން އަފީފް އަށެވެ. ރޮޒެއިނާ ފިޔަވައި އައްޑޫގެ އެހެން ދާއިރާތަކުގެ މެމްބަރުން ތާއީދު ކުރެއްވީ ރައީސް ނަޝީދު ވެސް ތާއީދު ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަށެވެ.

ރޭގެ ވޯޓާއި ހަމައަށް ހަސަން އަފީފު މަޖްލިސްގެ ރައީސަކަށް ހޮވުމަށް އެންމެ ގަދައަށް ކެމްޕެއިން ކުރެއްވި އެއް މެމްބަރަކީ ރޮޒެއިނާއެވެ. ޕީޖީ ގްރޫޕްގެ ރޭގެ ބައްދަލުވުމުގެ ކުރިން އަފީފަށް ވޯޓު ހޯދުމަށް ރޮޒެއިނާ ބައެއް މެމްބަރުންނަށް ބިރު ދެއްކި ކަމުގެ ތުހުމަތުތަކެއް ކުރެވުނުއިރު، މަޖްލިސްގެ ނައިބް ރައީސަކަށް ރޭ ހޮވުނު އީވާ އާއި ރޮޒެއިނާ އާއި ދެެމެދު ޕީޖީ ގްރޫޕްގައި އެކަކު އަނެކަކަށް ރައްދުދީ ވާހަކަ ދައްކާފައިއެވެ.

ރޮޒެއިނާ ބައެއް މެމްބަރުންނަށް ގުޅުއްވައި އެމީހެއްގެ އަމިއްލަ ސިޔާސީ ކެރިއާ ނިންމާނީ އެމީހަކު އަމިއްލައަށް ކަމަށާއި، އެހެން ކަމުން ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވޯޓު ދެއްވުމަށް ވިދާޅުވެފައި ވާކަމަށް ޕީޖީ ގްރޫޕްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ( އިންތި) ރޮޒޭނާއަށް ތުހުމަތު ކުރެއްވާފައިވެއެވެ.

ރޮޒެއިނާގެ އެ މެސެޖުތަކާއި ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވަނީ ރޮޒެއިނާއަށް ވަރަށް ފާޑު ކިޔާފައެވެ.

ރޭގެ ވޯޓަށްފަހު ރޮޒެއިނާ ޓްވިޓާގައި ވިދާޅުވީ މި ވޯޓު ނިމިގެންދިޔައީ އޭނާ އެންމެ އެދުނު ގޮތަށް ކަމަށެވެ. އަދި ދީނީ އިލްމުވެރިން ވިދާޅުވާ ފަދައިން އަޅުގަނޑަށް ހެޔޮ ނޭދޭ މީހުން ދައްކާ ނެގެޓިވް ވާހަކަތައް އަޑު ނޭހުމަށާއި، އަދި ހިތް ނުބައި މީހުން އެ ފުރުސަތު ނުދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން ގިނަ ބަޔަކު ވަނީ ޓްވިޓާއިން ބްލޮކްކޮށްފައެވެ.

ރޮޒެއިނާގެ މި ޓްވީޓަށްވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އެގޮތުން ޑީއާރުޕީއަށް ދިއުމަށްވެސް ވަނީ ގޮވާލާފައެވެ.

ކުރިން ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރޮޒޭނާއަކީ ނަޝީދުގެ ވެރިކަން މަގުމަތިން ވައްޓާލުމުގައި އިސްކޮށް ހުންނެވި މެމްބަރެކެވެ. ނަޝީދަށް އޭރުވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ރޮޒޭނާ މިހާރުވެސް އެކި ޕްލެޓްފޯމްތަކުގައި ނަޝީދަށް ފާޑު ވިދާޅުވެއެވެ. އެހެންވެ ބައެއް އެމްޑީޕީ މެމްބަރުންގެ ނުރުހުން ރޮޒޭނާއަށް އޮވެއެވެ.

ރޭގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސަކަށް ނަޝީދުގެ ނަންފުޅު ހުށަހެޅުއްވީ އަސްލަމްއެވެ. އަދި އެ ހުށަހެޅުމަށް އަފީފު ވެސް ވަނީ ތާއީދު ކުރައްވާފައެވެ.

އަދި މަޖިލީހުގެ ރައީސްގެ މަގާމަށް ނަޝީދު ކުރިމަތިލައްވައިފިނަމަ ވޯޓު ދެއްވާނެ ކަމަށް އެމަނިކުފާނުގެ އަރިހުގައި އެންމެ ކުރިން ވެސް ދަންނަވާފައިވާނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

19 ވަނަ މަޖިލީހަށް ރައީސަކާއި ނައިބު ރައީސަކު އިންތިހާބު ކުރުން އޮންނާނީ މިރޭ ބާއްވާ އެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ.