Last Updated: August 23, 11:33
Friday, August 23, 2019
ޚަބަރު

އަޖޭގެ ބައްޕަ ވީރް ދޭވްގަން މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ އަޖޭ ދޭވްގަންގެ ބައްޕަ ވީރް ދޭވްގަން މަރުވެއްޖެއެވެ.

ސްޓަންޓް ޑައިރެކްޓަރެއް ކަމަށްވާ ވީރް ދޭވްގަން މަރުވީ ހޯމަ ދުވަހުއެވެ. ވީރް މަރުވުމުން އަޖޭ އަދި އޭނާގެ އަނބިމީހާ ކާޖޮލްގެ ގިނަ އެކުވެރިންވަނީ ތައުޒިޔާ ކިޔުމަށް އެ ގެއަށް ޒިޔާރަތް ކޮށްފައެވެ.

ވީރްގެ ޖަނާޒާ ބާއްވާފައިވަނީ މުމްބާއީގެ ވިލް ޕާލް ކްރިމެޓޯރިއަމްގައި ހޯމަދުވަހު ހަވީރުއެވެ.

މަނޯޖް ކުމާރުގެ ފިލްމް" ރޯޓީ ކަޕްޅާ އޮއުރު މަކާން" އަދި އަމީތާބް ބައްޗަންގެ ފިލްމް "މިސްޓަރ ނަޓްވަރްލާލް" ފަދަ ފިލްމުތަކުގެ އެކްޝަން މަންޒަރުތަކުގެ ފަހަތުގައި ވީރް ދޭވްގަންއެވެ.

ވީރް މަރުވީ ސީދާ ސަބަބެއް އާއިލާއިން ހާމަކޮށްފައި ނުވީ ނަމަވެސް އާއިލާއިން ބުނެފައިވަނީ ވީރް ބަލިކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އަމްރިތްސަރަށް އުފަން ވީރް އޭނާގެ ގޭމީހުންނަށް ފިލައިގެން ގޮސްފައިވަނީ ފިލްމުތަކުގައި މަސައްކަތް ކުރުމަށް އޮންނަ ޝައުގެއްގެ ބޮޑުކަމުންނެވެ. އެކްޓަރަކަށް ވާން ބޭނުންވީ ނަމަވެސް އޭނާ ފެނިގެން ގޮސްފައިވަނީ ފިލްމްތަކުގައި ސްޓަންޓް ޖައްސާ މީހެއްގެ ރޯލުންނެވެ.

ވީރް ދޭވްގަން 80 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައިވާއިރު ގިނަ އެކްޓަރުންގެ ސްޓަންޓް މޭންއެއްގެ ރޯލު އޭނާ ވަނީ އަދާ ކޮށްފައެވެ.