އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން މިއަދު ހުޅުމީދޫއަށް ވަޑައިގެން "ގައުމާއިގެން ކުރިއަށް" ކެމްޕެއިންގައި އުޅުއްވުމަށް ފަހު ފުރަން ދަނިކޮށް އެކްސިޑެންޓް ވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުދޫ ބަނދަރަށް ދާން އޮންނަ ހުރަސް މަގުގައި ހަވީރު 5:00 ޖަހާ އެހާކަށްހާ އިރު އެވެ. މި ހާދިސާ ހިނގި އިރު ކާރު ދުއްވަން އިނީ ގައުމީ ވޮލީ ޓީމަށް ކުޅޭ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އިބްރާހީމް ޖަމާލެވެ.
ހުޅުދޫން ވާހަކަ ދެއްކި މީހަކު "އައްޑޫ ލައިވް" އަށް ކިޔައި ދިން ގޮތުގައި ހާދިސާ ހިނގާފައި ވަނީ އިމްރާން އަށް ފުރިޔަ ނުދޭން ހުރަސް އެޅުމާއި ގުޅިގެން މީދޫން ފުރުން ކެންސަލް ކޮށް ބާރު ސްޕީޑެއްގައި ހުޅުދޫ ބަނދަރަށް ދަނިކޮށް ސައިކަލެއްގައި ޖެހިގެންނެވެ.
މި ހާދިސާގައި ކާރު ނިކުތީ ހުޅުދޫ އަތިރިމަތިން އޮންނަ މަގުން ހުޅުދޫ ބަނދަރަށް ދާން އޮންނަ ހުރަސް މަގަށެވެ. އަދި ސައިކަލް އައީ ބޮޑު މަގާއިވީ ކޮޅުން ބަނދަރާ ދިމާލަށެވެ.
މި ހާދިސާގައި ސައިކަލް ދުއްވަން އިން އަންހެން މީހާ އަށް ވެސް އަދި ސައިކަލަށް ވެސް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
"ބޮޑަށް ބެލެވެނީ އެމްޑީޕީ ސަޕޯޓަރުން ކާރު ފަހަތުން އައީމަ އެ މީހުންނަށް އަތުނުވާން ބާރަށް ދުއްވީހެން،" އޭނާ ބުންޏެވެ.
އެކްސިޑެންޓް ވުމާއި ގުޅިގެން ގިނަ ބަޔަކު އެސަރަހައްދަށް އަނެއްކާވެސް ޖަމާވާން ފެށުމުން އިމްރާން ވަނީ ހުޅުދޫން ބަނދަރުން ފުރުން ކެންސަލްކޮށް ޖެހިގެން އޮތް ހެރެތެރެ އަށް ގޮސް ހެރެތެރެ ޖެޓީން ފުރާފަ އެވެ.
ހުޅުމީދޫގައި ހަރަކާތްތެރިވާ އަދަލަތު ޕާޓީގެ އިސްއޮފިޝަލަކު މިރޭ ވިދާޅުވީ ޝެއިހް އިމްރާން ފުރާފައިވަނީ އެޕަޓީން ރާވަފައިވާ ގޮތަށް ހެރެތެރެ ޖެޓީން ކަމަށެވެ. އަދި އިމްރާން ހުޅުދޫއަށް ދިޔައީ ހެރެތެރެއަށް ދާން ކަމަށާއި، ބަޔަކަށް ފިލަން ނޫން ކަމަށެވެ. އަދި ކާރު ދިޔައީ ޓްރާންސްޕޯޓުން ހުއްދަ ދީފައިވާ ސްޕީޑްގައި ކަމަށެވެ. އަދި ހާދިސާ ހިނގިތަނަށް މީހަކަށް އާދެވުމުގެ ކުރިން ފުލުހުންގެ ޖިޕްގައި އިމްރާން އާއި އަރިހުގައި ވަޑައިގަތް ޓީމް ހެރެތެރެއަށް ގެންގޮސްފައިވާ ކަމަށެވެ.
ހުޅުދޫން ވާހަކަ ދެއްކި މީހާ ބުނީ ހާދިސާ ހިނގި ސަރަހައްދަށް ގޮސް ފުލުހުން މައްސަލަ ބެލުމެއް ނެތި ކާރު ފޮނުވާލާފައިވާ ކަމަށެވެ.
އަދި އެގޮތަށް ފުލުހުން އަމަލު ކުރުމާ ގުޅިގެން އެތަނަށް އެއްވެ ތިބި މީހުން ވަނީ ފުލުހުންނާ ދިމާލަށް އަޑު އުފުލާފަ އެވެ.