Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު މަޖްލިސް ރައީސް

މަޖިލީހުގެ ރައީސް ކަމަށް ނަޝީދު އިންތިހާބުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ކުރީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އިންތިހާބުކޮށްފިއެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ނަޝީދާއި ވާދަކުރައްވާފައިވަނީ މާމިގިނލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއެވެ. އެގޮތުން ނަޝީދަށް 67 ވޯޓު ލިބިވަޑައިގެންނެވިއިރު ގާސިމަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް ނަންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން ނަޝީދުގެ ނަން ހުށަހެޅްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އަދި ގާސިމްގެ ނަން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަަދު ތޯރިގެވެ.

މަޖިލީހުގެ ރައީސަކަށް ނަޝީދު އިންތިހާބުކޮށްފައިވާއިރު އެމަނިކުފާނު މީގެކުރިން ވަނީ އެ މަގާމު ބޭނުންފުޅުނުވާކަން ހާމަކުރައްވާފައެވެ. އެގޮތުން ނަޝީދު މީގެކުރިން ޝައުގުވެރިކަން ފާޅުކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމަށެވެ.

ނަމަވެސް އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސްކަމަށް ވާދަކުރެއްވި އަސްލަމް އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އެ މަގާމަށް ކުރިމަތިނުލެއްވުމަށް ނިންމަވައި، ނަޝީދަށް އެ މަގާމަށް ދޫކޮށްލެއްވުމުން އެމަނިކުފާނު ވަނީ އެކަން ގަބޫލުފުޅުކުރައްވާފައެވެ.