އައްޑޫ ގައި ފުލުހުން ކަމަށް ބުނެ ބައެއް ޢާއްމު ފަރާތްތައް މަގުމަތިން ހުއްޓުވައި އެމީހުން ބަލައި ފާސްކޮށް ރައްޔިތުން އެމީހުންގެ އަތުގައި ހުންނަ ފައިސާ އާއި ގަހަނާ ފޭރުމެން ދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް ފުލުހުން އެދެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިކަމަށް އައްޑޫގެ ރައްޔިތުން ސަމާލު ވުމަށާއި ފުލުހުންނޭ ބުނެ މީހުންގެ ގޯތި ގެދޮރާއި ތަންތަން ފާސްކުރުމުގައި ޙަރަކާތްތެރިވާ މީހުންނަށް އެފުރުޞަތު ނުދިނުމަށެވެ.
އަދި ފުލުހުން ކަމަށް ބުނެ މަގުމަތިން މީސްމީހުން ހުއްޓުވައި ބަލައި ފާސް ކުރަން ކަމަށް ބުނެ އެކި މީސްމީހުންނަށް އެކި ގޮތްގޮތުން ބިރު ދައްކައި އެ މީހުންގެ އަތުގައި ހުންނަ ގަހަނާ އާއި ފައިސާ އަތުލައިގަތުން ފަދަ ކަންކަން ކުރަމުން ދާ ކަމަށެވެ.
އަދި މިއާއެކު ބައެއް ފަހަރަށް މީހުންގެ ގޯތި ގެދޮރަށް ވަދެ ވެސް މިފަދަ ނާތަހުޒީބު ޢަމަލުތައް އެ ފަރާތްތަކުން ހިންގަމުން ގެންދެ އެވެ.
ފުލުހުން ބުނީ އައްޑޫގައި ފުލުހުން ހިންގާ ހަރަކާތްތަކުގައި ޕޮލިސް ކާޑް އޮންނާނެ ކަމަށެވެ. އަދި ބައެއް ޙާލަތްތަކުގައި އަދި ބައެއް އޮޕަރޭޝަންތަކުގައި ފުލުހުން ޔުނީފޯމު ފިޔަވައި ކުލަ ހެދުމުގައިވެސް ޙަރަކާތްތެރިވާ ކަމަށެވެ.
މިގޮތަށް ޙަރަކާތްތެރިވި ކަމުގައި ވިޔަސް ފުލުހުންގެ އަތުގައި ފުލުހުންގެ ކާޑު އޮންނާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ޔުނީފޯމް ނުލައި ފުލުހަކު ރަސްމީ ޑިއުޓީގައި ހަރަކާތްތެރިވާ ނަމަ ފުލުސް ކާޑް އޮތްތޯ ބަލައި ހަދުމަ ކުރުމަށް އިލްތިމާސް ކޮށްފައިވެއެެވެ.
އައްޑޫގައި ފުލުހުންގެ ހަރަކާތް ރަސްމީކޮށް ހިންގާ އިރު ވެސް މީހުންގެ ގޯތި ގެދޮރަށް ވަނުމުގައި ހުރުމަތްތެރިކޮށް ނުހިތާ ކަން ފާހަނގަ ކުރެވެއެވެ.
އަދި މިހާރަކަށް އައިސް އައްޑޫގައި ފުލުހުން ހަރަކާތްތެރި ވަމުންދާ އިރު މަގު މަތިން ދާ މީހުން ހުއްޓުވައި އެ މީހުން ނާއިންސާފުން ޖުރިމަނާ ކޮށް ބޭ އަދަބީ ބަހުން މުޙާޠަބް ކުރުން ވަނީ އާއްމުވެފަ އެވެ. އަދި އެގޮތަށް އަމަލް ކުރާ ފުލުހުންގެ އަތުގައި ޕޮލިސް ކާޑް އޮވެ އެވެ.