Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު ރައީސް ނަޝީދު

މިއީ އިންސާފު ހޯދުމަށް ގެނައި މަޖިލީހެއް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިޚާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ / މަޖިލިސް

19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ބޭނުންވާ އިންސާފު ހޯދުމަށް ގެނައި މަޖިލީހެށް ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު މެމްބަރުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މިއީ އިންސާފު ހޯދުމުގެ އިތުރުން ޝަރުއީ ނިޒާމު ވެސް އިސްލާހު ކުރުމަށް ރައްޔިތުން އިންތިހާ އަށް އެދެމުންދިޔަ ހާލުގައި އުފެދިގެން އައި މަޖިލީހެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އިއްޒަތްތެރި މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން، އެ މަސައްކަތުގައި އަވަދިނެތި އުޅުއްވާއިރު، އަނެއްކާވެސް ދަންނަވަން އޮތީ މަޖިލީހުގެ ރިޔާސަތުން ވެސް، މަޖިލީހުގެ ތަޅުމުގައި ވެސް އަދި މަޖިލީހުގެ އިދާރާ އިން ވެސް ތިބޭފުޅުންނަށް ވެދެވެން އޮތް ހުރިހާ އެހީއެއް ވެދެވޭނެ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން މަޖިލިސް މެމްބަރުންގެ ކިބައިން އެދެނީ ހާސްކަމެއް ނެތި ރިވެތި ގޮތުގައި އުޅެވޭނެ ގޮތެއް ހޯދައިދެވޭނެ ގޮތެއް ބިނާކޮށްދިނުމަށް ކަމަށާއި މަޖިލީހުގެ މަސައްކަތަކީ އެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މިއީ ވަރަށް ފޮނި އުންމީދުތަކާ އެކު އިންތިހާބުކޮށްފައިވާ މަޖިލީހެއް. މިއީ ސިފައިންގެ ފިޔަވައި އެންމެ ގިނަ ދުވަސްވީ މުއައްސަސާ. މިއީ ރައްޔިތުންގެ ގެ. ތިޔައީ ރައްޔިތުންގެ މަންދޫބުން. ތިޔަ ބޭފުޅުން ޖެހޭނީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން" ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން 19 ވަނަ މަޖިލީހަކީ މަސައްކަތް ކުރާ މަޖިލީހަށް ހެދުމަށް މެމްބަރުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާ ނިންމަވާލެއްވީ މާދަމާ ހެނދުނު މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އިއުލާން ކުރައްވަމުންނެވެ.