މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި "ޔެ ޖަވާނީ ހޭ ދީވާނީ" ރަޝިއާގައި އަޅުވަން ނިންމައި، ފިލްމްގެ ޕްރޮމޯޝަނަލް މަސައްކަތްތައް ފަށައިފި އެވެ.
ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯން އަދި އަދިތިޔާ ރޯއި ކަޕޫރާއި ކަލްކީ ކޮޗިން ލީޑް ރޯލް ކުޅެފައިވާ މި ފިލްމް ރަޝިއާގައި އަޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ.
އެގޮތުން ފިލްމް ޕްރޮމޯޓް ކުރުމަށް ރަންބީރު ތިން ދުވަހުގެ ޓުއާއެއް ރަޝިއާގައި ބާއްވާނެ އެވެ.
ރަންބީރުގެ ފިލްމެއް ރަޝިއާގައި ޕްރީމިއާ ކުރާ އިރު، އޭނާގެ ކާފަ މަރުހޫމް ރާޖް ކަޕޫރަކީ ރަޝިއާ މީހުންގެ މެދުގައި ވަރަށް މަޝްހޫރު އެކްޓަރެެކެވެ.
އެގޮތުން ރާޖް ކަޕޫރުގެ "މޭރާ ނާމް ޖޯކަރު"، "ޝްރީ 420" އަދި "އާވާރާ" ފަދަ ފިލްމްތަކަކީ ރަޝިއާ މީހުންގެ މެދުގައި އަދިވެސް މަގުބޫލް ފިލްމްތަކެެވެ.
އެހެންވެ ރާޖް ކަޕޫރުގެ ކާފަ ދަރިއެއްގެ ފިލްމް ރަޝިއާގައި އެޅުވުމަކީ އެ ގައުމުގައި ތިބި ބޮލީވުޑް ފޭނުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ.
ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދައި، އަޔާން މުކަރުޖީ ޑައިރެކްޓްކޮށްފައިވާ "ޔެ ޖަވާނީ ހޭ ދީވާނީ" ރިލީޒް ކުރި ހަފުތާގައި ފިލްމް ވަނީ "100 ކްރޯޑް ކުލަބް" އިން ވެސް ޖާގަ ހޯދައިފަ އެވެ.
އެގޮތުން މެއި މަހުގެ 31 ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމަށް އިންޑިއާގެ އިތުރުން ބޭރުގެ ވަރަށް ގިނަ ގައުުތަކުން އަދިވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.