ލިންކް ރޯޑްގައި ދުއްވާފައި ދަނިކޮށް ސައިކަލަކުން ވެއްޓި ހޭނެތުނު ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދޭން ފަށައިފި އެވެ.
މިރޭ 9:30 ޖަހާ އެހާކަށްހާ އިރު ހިނގި މި ހާދިސާގައި ފަރުވާ ދެމުން އަންނަނީ މަރަދޫފޭދޫ ޗަނބޭލީގޭ މިފްޒާލް ލަތީފް، 25، އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްޒާލް ސައިކަލުން ވެއްޓުނީ އޭނާ އާއި އަންހެން ކުއްޖަކު ލިންކް ރޯޑުން ދުއްވާފައި ދަނިކޮށް ކުނިކޮށި ހިސާބުން ހިނގާފައި ދިޔަ ބައެއްގެ ކައިރިން ސައިކަލް ކަޓްވާލަން އުޅުމުގެ ތެރޭގަ އެވެ. އަދި ވެއްޓި އޭނާ ހޭނެތިފައި އޮތްވައި، އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެ ވަގުތު އެ ސަރަހައްދުން ދަތުރު ކުރި ކާރެއްގައި ދިޔަ ބައެެެއް ކަމަށް އެނގިފައިވެ އެވެ.
މިފްޒާލަށް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަން ވަނީ ޒަހަމްވެފަ އެވެ. އެހެން ނަމަވެސް ސައިކަލްގެ ފަހަތުގައި އިން އަންހެން ކުއްޖާ އަށް އަނިޔާއެއް ނުވެ އެވެ.