Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ކާރު އެކްސިޑެންޓެއްގައި އާސެނަލްގެ ކުރީގެ ތަރި ރޭޔޭސް މަރުވެއްޖެ

ސްޕެއިނުގައި މިއަދު ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އާސެނަލް އަދި ސެވިއްޔާގެ ކުރީގެ ފޯވާޑް ހޯސޭ އެންޓޯނިއޯ ރޭޔޭސް މަރުވެއްޖެއެވެ.

ރޭޔޭސްގެ އުފަން ރަށް ޔުޓްރެރާ އާއި ސެވިއްޔާއާ ދެމެދު އޮތް މަގުގައި ހިނގި ޓްރެފިކް އެކްސިޑެންޓްގައި އޭނާ މަރުވިކަން ސެވިއްޔާގެ ފުޓްބޯޅަ ކްލަބުން ޔަގީންކޮށްދީފައިވާއިރު ރޭޔޭސް މަރުވިއިރު އުމުރަކީ 35 އަހަރެވެ.

2000 ވަނަ އަހަރުގައި އުމުރުން 16 އަހަރު ސެވިއްޔާގެ ސީނިއާ ޓީމުން ޖާގަ ހޯދުމަށްފަހު ރޭޔޭސް ވަނީ 2004 ވަނަ އަހަރަށް އާސެނަލަށް ބަދަލުވެފައެވެ. އެގޮތުން، އޭނާ ވަނީ އާސެނަލުން މެޗަކުން ބަލިނުވެ ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމަށް ދައްކާފައެވެ. އެ ޓީމާއެކު އެފްއޭކަޕް މުބާރާތާއި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރުމުގެ އިތުރުން 2006 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.

އާސެނަލްގައި ހޭދަކުރީ ދުވަސްވަރު އޭނާ ވަނީ ލޯން އުސޫލުން ރެއާލް މެޑްރިޑަށްވެސް ކުޅެފައެވެ. އެ އަހަރު އެ ޓީމާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައިވާއިރު އޭގެފަހުން، އޭނާ ވަނީ އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ދުވަސްވަރު ޔުރޮޕާ ލީގު ދެ ފަހަރު ހޯދާފައެވެ. އެއަށްފަހު، އޭނާގެ ކުރީގެ ކްލަބު ސެވިއްޔާ އަށް އެނބުރިއައިސް ވަނީ އެމުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

ސްޕެއިނުގެ ޤައުމީ ޓީމަށް 21 މެޗު ކުޅެދީފައިވާ ރޭޔޭސް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކުޅެމުން އަންނަނީ އެގައުމުގެ ދެވަނަ ޑިވިޝަނުގެ ކްލަބެއްކަމަށްވާ އެކްސްޓްރެމަޑޫރާ އަށެވެ. މި ހިނގާދިޔަ ހިތާމަވެރި ހާދސާއާއި ގުޅިގެން ކާޑިޒްއާ ދެކޮޅަށް އެ ޓީމު މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗު ވަނީ ލަސްކުރެވިފައެވެ.

ރޭޔޭސް މަރުވިއިރު އަންބަކާއި ދެ އަންހެން ދަރީން ދުނިޔޭގައި އެބަތިއްބެވެ.