ކޯޓުތަކުން ނިންމާ ނިންމުންތަކާ ގުޅިގެން އިސްތިއުނާފު ކުރަން މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގައި ދަތިތަކެއް ހުރުމާ ގުޅިގެން އެކަމަށް ލުއި ފަސޭހަ ގޮތެެއް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.
އެ ޑިޕާޓްމަންޓުން ބުނީ މައްސަލަަތައް އިސްތިއުނާފް ކުރަން މިހާރު އަންނަން ޖެހެނީ މާލެ އަށް ކަމަށްވާތީ އަތޮޅުތެރޭގެ ފަރާތްތަކަށް އެކަމުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންވެ އައްޑު އާއި ފުވައްމުލަކުން އިސްތިއުނާފް ކުރަން ބޭނުންވާ މައްސަލަތައް މާލެ ނުގޮސް، އެ ސަރަހައްދެއްގައި ތިބެގެން އިސްތިއުނާފް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދޭނެ ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެ އެވެ.
އެގޮތުން ދާދި ފަހުން ހައި ކޯޓްގެ ޓީމެއް އައްޑު އާއި ފުވައްމުލަކަށް ޒިޔާރަތްކޮށް އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި، މަޝްވަރާކޮށްފައިވެ އެވެ.