Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މަޖިލީހުގައި ޝަރީފާއި ޖާބިރުގެ ކޯޅުމެއް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވައިފިއެވެ.

ދެ މެމްބަރުންގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވިގެން ދިޔައީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން އުފެއްދި ކޮމިޓީގެ މަސައްކަތާ ގުޅޭގޮތުންނެވެ. ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ޝަރީފް ވަނީ ކޮމިޓީގެ މަސައްކަތް ގުޅޭގޮތުން ޖާބިރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

ޖާބިރު ވަނީ ޝަރީފަށް ނިސްބަތް ކުރައްވާ ހަޑިހުތުރު ބަހުން މަޖިލީހުގައި ވާހަކަ ދައްކަވާފައެވެ. އެހިސާބުން ޖާބިރުގެ ވާހަކަ ހުއްޓުވައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ އަދި އެހާހިސާބަށް ގޮސްފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ޖާބިރު ވަނީ ޝަރީފަށް މަޖިލީހުގެ ރިޔާސަތުން ނަސޭހަތްތެރިވުމަށާއި ބޮލަށް ބޭސްކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ އިތުރަށް ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރު ނުހިނގާ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެފައެވެ. "ސަރުކާރެއް ނުހިނގާ! އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރާ ގޮތަކަށް މި މަޖިލިސް ނުހިންގޭނެ. މި މަޖިލިސް ހިންގަން ޖެހޭނީ ރަނގަޅަށް" ޖާބިރު ވިދާޅުވެފައިވެއެވެ.