Last Updated: July 23, 18:20
Friday, July 24, 2026
ޚަބަރު

ވިއްސާރާގައި ފޭދޫއަށް ވަރަށް ބޮޑަށް ފެނުގެ އަސަރުކޮށްފި

ރޭ ކުރި ވިއްސާރާގައި ފޭދޫ ގެއަކަށް ފެން ވަދެފައި: ފޮޓޯ - ޓްވިޓާ

ރޭ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރާގައި އައްޑޫ ސިޓީއަށް ފެނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފިއެވެ. އައްޑޫއިން ވެސް އެންމެ ބޮޑަށް ފެނުގެ އަސަރުކޮށްފައިވަނީ ފޭދޫއަށެވެ. ފޭދޫގެ ވަރަށް ގިނަ ގެތަކަށް ރޭގެ ވިއްސާރާގައި ވަނީ ފެން ވަދެ، ހިފާ ގެންގުޅޭ ސާމާނުތަކަށް ގެއްލުން ލިބިފައެވެ.

ފޭދޫ ނަރުދަމާގެ މަސައްކަތް ކުރުމަށް ރަށުގެ ބޮޑު މަގާއި އެތެރޭގެ މަގުތައް ކޮނެ، ރަނގަޅަށް ފަސްނުލާ ހަދާފައިނުވުމުގެ ސަބަބުން މިފަހަކަށް އައިސް ވިއްސާރަވުމާއެކު ހިނގާބިނގާ އުޅުމަށާއި ދުއްވާ އެއްޗެހި ދަތުރުކުރުމަށް ވެސް ނުހަނު ބޮޑު ތަކުލީފެއް ރަށުގެ ރައްޔިތުން އުފުލަން ޖެހެއެވެ.

ފޭދޫގެ އިތުރުންވެސް އައްޑޫގެ ހުރިހާ އަވަށަކަށް ރޭގެ ވިއްސާރާގައި ވަނީ އަސަރުކޮށް ގިނަ ގޭގެއަށް ފެން ވަދެފައެވެ. އައްޑޫ ސިޓީގައި ތާރު އެޅި މަގުތަކުގައި ރަނގަޅު ފެން ހިންދާ ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަ ހިސާބަށް ދިއުމަކީ އާންމު ކަމެކެވެ.

ފެން ބޮޑުވުމުގެ ސަބަބުން ރޭ އެމްއެންޑީއެފް ދެކުނު ބްރާންޗުގެ ސިފައިން ވަނީ ފެން ހިންދުމަށާއި ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.