ރަމަޟާން މަހަށް އިސްތިޤްބާލް ކުރަން އެހެން މަސްތަކާއި ޚިލާފަށް ތައްޔާރުވާން ޖެހޭ ތަފާތު ގިނަގުނަ ސަބަބުތައް އެބަހުރި ކަމަށާއި، އެ މަހުގައި ހުރި މަތިވެރިކަމާއި މާތް ކަމާއި އެމަހުގައި ހުރި ހެވާ ލާބައިގެ ބޮޑުކަމުން އަޅުގަނޑުމެންނަށް ރަނގަޅަށް އެމަސް ބަލައި ނުގަނެވިއްޖެ ކަމަށް ވަނީ ނަމަ ގެއްލުމާއި ހަލާކު އަތުވެދާނެ ކަމަށް ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެ އެވެ.
ސިފައިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ޤައުމީ ރޫޙް އާލާކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ ޕްރޮގްރާމްގެ ދަށުން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި "ރަމަޟާން މަހަށް ތައްޔާރުވުން" މި މައުޟޫ އަށް ވާހަކަފުުޅު ދައްކަވަމުން ޝައިޚް ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަހަށް އިސްތިޤްބާލް ކުރާނެ ގޮތް އެ މަސް ބައްދަލުވުމުގެ ކުރިން އަޅުގަނޑުމެންނަށް އެނގުމަކީ ވަރަށް ބޭނުންތެރި މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ރަމަޟާން މަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެތަށް ގޮތަކުން މާތްކުރައްވާ މަތިވެރި ކުރައްވާފައިވާ މަހެއް ކަމަށާއި މި މަސް ވަގުތުކުޑަތަންވެގެން އަންނަ އިރުގައި މިމަހަށް އިސްތިޤްބާލް ކުރުމަށްޓަކައި އަޅުގަނޑުމެން ތައްޔާރުތަކެއް ވާން އެބަ ޖެހޭ ކަމަށާއި އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު އެމަހުގައި ކަންތައްތައް ކުރާނެ ގޮތް ރާވާން ޖެހޭކަމުގައި ވިދާޅުވި އެވެ.
"ބައެއް މީހުންނަށް ހީވާނީ ރަމަޟާން މަހަކީ ކުޅިވަރާއި މަޖަލާ ސަކަރާތް ޖެހުމުގެ މަހެއް ކަމަށް. އެއީ ވަރަށް ބޮޑު އޮޅުމެއް. އަޅުގަނޑުމެންނަށް އުފާ ކުރުމާއި ހިތްހަމަޖައްސައި ދިނުމާއި މަޖާ ކުރުމުގެ ދުވަސްތަކެއް ﷲ ޝަރުޢީ ގޮތުން ކަނޑައަޅުއްވާފައި އެބަހުރި." ޝައިޚް ޢަލީ ޒާހިރު ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ޝައިޚް ވިދާޅުވީ ރަމަޟާން މަހަކީ އިސްލާމީ ވިސްނުމަކުން ބަލާ އިރު އެއް ގޮތަކަށް ވެސް ކުޅިވަރާއި ސަކަރާތުގެ މަހެއް ނޫން ކަމަށާއި އެއީ އަޅުކަމުގެ މަހެއް ކަމަށެވެ.
އަދި ރަމަޟާން މަހަކީ ﷲ އަށް ކުއްތަން ވުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަ މަށާއި އަޅުގަނޑުމެންނަށް ސުވަރުގެ ވަނުމަށްޓަކައި މަގުފަހި ކުރެވެން އޮންނަ އެންމެ ބޮޑު ފުރުޞަތަކީ ވެސް ބަރާކާތްތެރި ރަމަޟާން މަސް ކަމަށް ވިދާޅުވި އެވެ.
އަދި ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެއް ކަމަށާއި، އެ މައްސަރުގައި ފަރުޟް ނަމާދު ޖަމާޢާތުގައި ކުރުމަށް އިސްކަން ދިނުމާއި ސުންނަތް ނަމާދުތަކަށް ރައްކާތެރިވެ އެ މަހުގައި ކީރިތި ޤުރުއާން ކިޔެވުން އިތުރު ކުރުމަށް ޝައިޚް ގޮވާލެއްވި އެވެ.