Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ހައްޔަރުކުރި އިރު ގާނޫނާ އެއްގޮތަށް ނެތުމުން ދެމީހަކު ދޫކޮށްލައިފި

ފޮޓޯ- ޕޮލިސް މީޑިއާ

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެމީހަކު، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާތީ ކްރިމިނަލް ކޯޓުން ދެމީހުން ދޫކޮށްލައިފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުން ފަށާފައިވާ ބޮޑު އޮޕަރޭޝަނުގައި ރޭ ހައްޔަރުކުރި ދެމީހުން ހައްޔަރުކުރިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 12 ވަނަ މައްދާގައި ބުނެފައިވާ ގޮތަށް ހައްޔަރުކުރަން ގެންދިޔަ ކޯޓު އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު އިންނަން ވާނެއެވެ.

ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ގާޒީ ވަނީ ކޯޓު އަމުރުގައި، އަމުރު ނެރުނު ގާޒީގެ ސޮއި ކޮށްފައިވަނީ ފަހު ގަނޑުގައި އެކަނި ކަން ފާހަގަކޮށް ގާނޫނާ ޚިލާފަށް ހައްޔަރުކުރިކަމަށް ނިންމައި ދެމީހުންވެސް ދޫކޮށްލާފައެވެ.

އެދެމީހުން ހައްޔަރުކޮށްފައިވަނީ ތިން ކިލޯގެ މަސްތުވާތަކެއްޗާ އެއްކޮށެވެ.