Last Updated: March 28, 17:07
Thursday, March 28, 2024
ޚަބަރު

ޑިވައިޑާތައް ހަލާކުކޮށްލުމަށް ފަހު ފިލި ކާރު ހޯދައިފި

ސިނަމާލެ ބުރިޖު ހައިވޭގައި ހުރި ޑިވައިޑާތަކެއްގައި ޖެހުމަށް ފަހު ޑިވައިޑާ ހަލާކުވި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ކާރެއް ގެނެސްފިއެވެ.

ޑިވައިޑާތައް ހަލާކުވުމާއެކު ކާރު ދުއްވަން ހުރި މީހާ ވަނީ މަޑުނުކޮށް އެސަރަހައްދުން ފިލާފައެވެ. ނަމަވެސް ފުލުހުން ވަނީ މިއަދު ހެނދުނު 11:00 އެހާކަށްހާއިރު ކާރު ފޮރުވަން އުޅެނިކޮށް ހޯދާފައެވެ.

މިއެކްސިޑެންޓުގައި ހައިވޭގައި ހުރި ޑިވައިޑާތައް ހަލާކުވުމުގެ އިތުރުން ކާރަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަދި އެހެން އުޅަނދަކަށް ގެއްލުމެއް ނުލިބެއެވެ. މިކާރުގެ ވެރިފަރާތް ހޯދައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ހާޒިރު ކޮށްފައިވާ ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިފަހަކަށް އައިސް ސިނަމާލެ ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓު ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. ފުލުހުން ވަނީ ބްރިޖާއި ހައިވޭ ބޭނުން ކުރައްވާ ފަރާތްތަކުން ފަރުދީ ޒިންމާ އަދާ ކުރައްވައި މަގުމަތީ ގަވާއިދުތަކާ އެއްގޮތަށް ދަތުރުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.

ބްރިޖުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓު ގިނަވުމުން ސަރުކާރުން ވަނީ ބްރިޖުގައި ދުއްވޭނީ ހެލްމެޓު އަޅައިގެން ކަމަށް ނިންމާފައެވެ.