Last Updated: April 25, 18:10
Thursday, April 25, 2024
ކުޅިވަރު

ރެއާލްއަށް އާ ފޯވާޑަކު ގެނެސްފި

ޔޮވިޗް ފްރެންކްފްރުޓްގައި. އޭނާ ރެއާލަށް ބަދަލުވެފައިވަނީ 65 މިލިއަން ޔޫރޯއަށް: ފޮޓޯ - ގެޓީ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ފްރެންކްފްރުޓްގެ ފޯވާޑް ލޫކާ ޔޮވިޗް ގެނެސްފިއެވެ. ސާބިއާގެ ސްޓްރައިކަރު ރެއަލްއަށް ފޮނުވުމަށް ކުލަބުން އެއްބަސްވެފައިވަީ 65 މިލިއަން ޔޫރޯގެ އަގަކަށެވެ.

ސްޕެއިންގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ ޓްރާންސްފާ ފުރިހަމަވާއިރު މިއަގު މާ މައްޗަށް ވެސް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ރެއާލުން ޔޮވިޗްގެ ސޮއި ހޯދާފައިވަނީ ފަސް އަހަރުގެ ކޮންޓްރެކްޓަކަށް އެއްބަސްވުމަށް ފަހުގައެވެ.

އޭނާ ވަނީ މިދިޔަ ސީޒަނުގައި ބުންޑަސްލީގާގައި 32 މެޗު ކުޅެ 17 ލަނޑު ޖަހާފައެވެ. އަދި ޔޫރޮޕާ ލީގުގައި ފްރެންކްފުރުޓް ޓީމުގައި 14 މެޗު ކުޅެ 10 ލަނޑު ޖަހާފައިވެއެވެ.

ޔޮވިޗްއަކީ 2017 ވަނަ އަހަރު ޕޯޗުގަލްގެ ބެންފީކާ އިން ލޯން އެއްބަސްވުމެއްގެ ދަށުން ފްރެންކްފްރުޓްއަށް ގެނައި ކުޅުންތެރިޔެކެވެ. ނަމަވެސް ޖަރުމަނު ކުލަބުން ވަނީ އޭނާގެ ކުޅުމާމެދު ހިތްހަމަޖެހި ސީޒަން ނިމުމުން ދާއިމީ ކުޅުންތެރިޔެއްގެ ގޮތުގައި ކުލަބަށް ގެނެސްފައެވެ.

މިދިޔަ ސީޒަނުގައި ފަންފުލުން ދިޔަ ރެއާލްގެ ކޯޗު ކަމަށް އަލުން ޒިނެދިން ޒިދާން ގެނައުމަށް ފަހު ޒިދާނާ ވަނީ ކުލަބު އަލުން ހަމަ މަގަށް ގެނެސްދިއުމަށް ބޭނުންވާ ކުޅުންތެރިން ހޯދައި ގެނައުމުގެ ފުރުސަތު ދީފައެވެ.