Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު މަޖްލިސް ރައީސް

މާދަމާގެ ޖަލްސާއާ ގުޅޭގޮތުން ޕީޖީ ލީޑަރުންނާ މަޝްވަރާކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ބާއްވާ ޖަލްސާއާ ގުޅޭގޮތުން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވައިފިއެވެ.

މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. އަދި މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނީ މަޣުރިބު ނަމާދަށްފަހުއެވެ.

ޕީޖީ ލީޑަރުންނާއި މަޖިލީހުގެ ރައީސް މަޝްވަރާ ކުރެއްވިއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ ދެ ނަމާދު ދޭތެރޭ މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ބޭއްވުމަށް ނިންމުމުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ އިދާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ޖަލްސާ އަށް މޯދީ ވަޑައިގަންނަވަން ބޭނުންފުޅުވަނީ މެމްބަރުން ނަމާދު ކުރެއްވުމަށް ވަގުތު ދެއްވުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން އެ ޖަލްސާ އޮންނާނީ މާދަމާގެ މަޣުރިބު ނަމާދަށްފަހު ކަމަށް މަޖިލީހުގެ އިދާރާ އިން ހާމަކުރެއެވެ.

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ފުރުސަތު ދެއްވުމަށް ހުށަހެޅުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މިހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.