Last Updated: April 26, 23:00
Friday, April 26, 2024
ސިޔާސީ

ފެރީ ނިޒާމް ގާއިމްކުރުމުން ތަންދޮރު ނުދަންނަ މީހުން ރާއްޖެ އަތުވެދާނެ: ޝިޔާމް

އިންޑިޔާގެ ކޮޗިންއާ ދިވެހި ރާއްޖެއާ ދެމެދު ފެރީގެ ނިޒާމުން ގުޅާލުމަށް ދެގައުމުން އެއްބަސްވާތީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޝިޔާމަށް ފެރީ ނިޒާމު ކަމުނުދަނީ އެ ފެރީ ނިޒާމް ބޭނުންކޮށްގެން ދިވެހި ރާއްޖެއަށް އިންޑިޔާއިން "އިލްމެއް ނެތް" ތަންދޮރު ނުދަންނަ މީހުން އަންނަ މިންވަރު ގިނަވެދާނެތީ ކަމަށް ވިދާޅުވިއެވެ.

ފޭސްބުކުގައި ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ބިދޭސީން ގިނަވެ މައްސަލައަކަށް ވެފައިވާއިރު މިކަމުގެ ސަބަބުން ރާއްޖެއަށް އިންޑިޔާއިން އަންނަ އިލްމެއް ނެތް މީހުންނާއި މަސައްކަތު މީހުންނާއި ބޮޑެތި މުޖުރިމުން އަންނާނެ ކަމަށެވެ. އަދި މި ފެރީ ނިޒާމަކީ މީ ދިވެހިން ބޭނުންކުރާނެ ނިޒާމެއް ނޫން ކަމަށާއި މީގެ ބޭނުން ހިފާނީ ހަމައެކަނި މިދެންނެވި މީހުން ކަމަށް ގަބޫލުކުރެވޭ މޭރުމަކުން މިކަމަށް ފާޑުކިޔާފައިވެއެވެ.

އަދި މީގެ ސަބަބުން އިންސާނުން ވަގަށް ނެގުމާއި މަސްތުވާތަކެތި އެތެރެކުރަން އިތުރު ދޮރުތަކެއް ވެސް ހުޅުވިގެން ދާނެ ކަމަށް ދޭހަވާ ގޮތަށް ސަރުކާރަށް ފާޑުކިޔާފައިވެއެވެ. "މިއެއްބަސްވުމަށް ފަހު، އަޅުގަނޑުމެން ހިއުމަން ޓްރެފިކިންގެ ވާހަކައެއް، ޑްރަގް ޓްރެފިކިންގެ ވާހަކައެއް އަދި ހިއުމަން ރައިޓްސްގެ ވާހަކައެއް ދައްކާނެ ކަމެއް ނެތް. މިއީ މި ފަސްގަނޑުގައި އަވަށްޓެރި ބީރަށްޓެހި މުޖުތަމައެއް އުފަން ކުރަން ކޮށޭނެ އެންމެ ތަނަވަސް މަގު"

ކޮޗިންއާ ކުޅުދުއްފުއްޓާ ދެމެދު ފެރީގެ ނިޒާމް ގާއިމް ކުރަން މަޝްވަރާ ކޮށްފައިވާއިރު ރާއްޖެއާ އިންޑިޔާއާ ދެމެދު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް ފެރީ ނިޒާމްގެ މަސައްކަތް ފަށާނެ ދުވަހެއް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.