Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ޑްރެޖަރު ދެވަނަ ފަހަރަށް ގަމާ ދިމާއަށް ގެންގޮސްފި

އެއާޕޯޓް ބިންހިއްކުމަށް ގެނައި ޑްރެޖަރު ފޭދޫގައި:. ފޮޓޯ/ އައްޑޫ ލައިވް

ސ. ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމަށް ގަލްފް ކޮބްލާ އިން ގެނައި ކޮންނަ ބޯޓް ގަމާ ދިމާއަށް މިއަދު އަނެއްކާ ގެންގޮސްފި އެވެ.

މި މަހުގެ 9 ވަނަ ދުވަހު ގަމުގެ އެއާޕޯޓް މަޝްރޫއު އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ގަމުގެ ވީއައިޕީ ބަނދަރާއި ދިމާލަށް ގެންދިއުމަށް ފަހު އަނބުރާ ފޭދޫ ބަނދަރަށް ގެނެސްފައިވާ ކޮންނަ ބޯޓު މިއަދު ގަމަށް ގެންދިޔައީ ކޮނުމުގެ މަސައްކަތް ކުރުމަށް ކަމަށް މައުލޫމާތު ލިބެ އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މެނެޖިން ޑިރެކްޓަރު ޝާހިދް އަލީ (ޝާޑް) ވިދާޅުވީ ކޮންނަ ބޯޓު ފޭދޭ ބަނދަރަށް ގެންދިޔައީ ގަލްފް ކޮބްލާ އިން ކޮންނަން ޖެހޭ ސަރަހައްދު އިތުރަށް ދިރާސާ ކުރުމަށް ބޭނުންވެގެންނެވެ. އެގޮތުން ކުރަން ޖެހޭ އިތުރު ސާވޭ މިހާރު ނިމިފައިވާ ކަމަށް ޝާޑް ވިދާޅުވި އެވެ.

ޝާޑް ވިދާޅުވީ ކޮނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވަރަށް ބޮޑަށް ބެލުމަށް ފަހު އެންމެ ގެއްލުން ކުޑަ ގޮތަށް ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ މި ހަފްތާ ތެރޭ ހިއްކަން ފަށާނެ ކަމަށް. އެކަމަށް އިތުރަށް ކުރަން ޖެހޭ ދިރާސާ ކުރަމުން ދާތީ ލަސްވަނީ." ޝާޑް ވިދާޅުވިއެވެ.

ޝާޑް ވިދާޅުވީ ފޭދޫ އާއި ގަމާއި ދިމާލުން ބޯޓު ވެއްދުމަށްޓަކައި ކޮންނަންޖެހޭ ޗެނެލްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބޯޓު ވެއްދުމަށް މިހާރު ހަމަޖެހިފައި ވަނީ ވިލިގިއްޔާއި ގަމާ ދޭތެރެއިން ބޯޓަށް ވަދެވޭ ވަރުގެ ކުޑަ ޗެނެލް އެއް ކޮނެގެންނެވެ. އެކަމަށް އީޕީއޭއިން ވަނީ ހުއްދަވެސް ދީފަ އެވެ.

އެއާޕޯޓް މަޝްރޫއު އިފްތިތާހް ކުރުމަށް ފަހު ކޮންނަ ބޯޓު އަނބުރާ ގެނެސް ފޭދޫ ބަނދަރަށް ވެެއްދުމާ ގުޅިގެން ސިޔާސީ ޕާޓީ ތަކުން ވަނީ ރައީސް ވަހީދަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
އަދި މަޝްރޫއު އިފްތިތާހް ކޮށްދެއްވީ ކަމަށް ބުނެ ވަހީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ސިޔާސީ ފަރާތްތަކުން ވަނީ ބުނެފަ އެވެ.