ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ އާ އެކު "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަމުގައި، އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
"އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މި އުފެއްދެވީ، ރާއްޖޭގައި މަދަނީ ވައިގެ ބަނދަރުތައް އިތުރުވަމުން ދިޔުމާއި، އިތުރު ވައިގެ ބަނދަރުތައް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރެވެމުންދާތީ، ޢަމަލު ކުރެވެމުންދާ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ޤާނޫނުތަކާއި ހިންގަމުންގެންދާ ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް" އަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 453 ކަމަށް ރައީސް ވިދާޅުވި އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މަސައްކަތްތަކަކީ:
ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި އަންނަނިވި ކަންކަން ކުރުން:
1. މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ޙާލަތްތަކާއި ކަންކަން ދެނެގަނެ، އެފަދަ ޙާލާތްތަކާއި ކަންކަމުގައި ވަގުތުން ފިޔަވަޅުއަޅައި އެކަންކަން ހުއްޓުވޭނެ ނިޒާމްތައް މަދަނީ ވައިގެ ބަނދަރުތަކުގައި ޤާއިމުކުރުން.
2. މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައި ވައިގެ ބަނދަރުތަކުގެ އެންމެހާ ސަރަޙައްދުތަކާއި، ވައިގެ ބަނދަރުތަކުގައި ހެދިފައިވާ ހާބަރުތަކާއި، ވަށައިގެންވާ ސަރަޙައްދުތަކުގައި ފޯރިމަރައި ބެލެހެއްޓުމާއި، ވައިގެ ބަނދަރުތަކުގައި ޖައްސާ އަދި ފުރާ އުޅަނދުފަހަރާއި، ވައިގެ ބަނދަރުތަކުގެ ތަކެއްޗާއި ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުން.
3. މަދަނީ ވައިގެ ބަނދަރުތަކުން ފުރައިގެންދާ އުޅަނދުފަހަރާއި، ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެމީހުން ގެންދާ ތަކެތި ބަލައި ފާސްކުރުން.
4. މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭންތަކާއި، އިމަރޖެންސީ ރެސްޕޯންސް އަދި ކޮންޓިންޖެންސީ ޕްލޭންތައް ހަދައި ތަންފީޒުކުރުން.
5. މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މަޝްރަހަށް ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި އަންނަމުންދާ ބަދަލުތައް ދިރާސާކޮށް، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޚިދްމަތްދޭ ނިޒާމުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާއެއްގޮތަށް ބައްޓަންކުރުން.
6. ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގައި ކަންކަން ކުރަމުންދާ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާތަކާއި އިންސްޕެކްޝަންތައް ހެދުން.
7. މަދަނީ ވައިގެ ބަނދަރުތަކުގައި ދިމާވެދާނެ އެކްސިޑެންޓް/އިންސިޑެންޓްތަކުގައާއި އެފަދަ އެހެނިހެން ކުއްލި ހާލާތްތަކުގައި ހަރަކާތްތެރިވާނެ ގޮތުގެ ޕްލޭންތައް ހަދައި، ކަމާބެހޭ ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ފަރާތްތަކާއެކު އެ ޕްލޭންތައް ވިލަރެސްކޮށް، އެ ޕްލޭންތަކުގައި ހިމަނާފައިވާ ކަންކަމުގެ ފަރިތަކުރުންތައް ބޭއްވުން.
8. މަދަނީ ވައިގެ ބަނދަރުތަކުގައި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން އެޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަމަލުކުރަންވީ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ފަރާތްތަކުން މަސައްކަތްތައް ކުރަމުންގެންދަނީ ކަނޑައެޅިފައިވާ މިންގަޑުތަކުގެ ތެރޭގައިތޯ ބެލުން.
9. މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތަކަށް އެކަށޭނަ ޒަމާނީ ވަޞީލަތްތަކާއި މެޝިންތައް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
10. މަދަނީ ވައިގެ ބަނދަރުތަކުގައި ބޭނުންކުރެވޭ ސެކިއުރިޓީ ފާހުގެ ނިޒާމް ޤާއިމްކޮށް، އެނިޒާމް ހިންގުން.
11. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތައް ޓެރަރިޒަމާއި ޣައިރު ޤާނޫނީ ޢަމަލުތަކުން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ ސަލާމަތީކަންކަން ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށް ގާބިލު، ހީވާގި، ކެރޭ، އިޚްލާޞްތެރި އަދި ވަފާތެރި މީހުން ބިނާކުރުން.
12. ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަމުގެ ޕްލޭންތައް ހަދައި ތަންފީޒުކުރުމުގައި މަދަނީ ވައިގެ ބަނދަރުތައް ހިންގާ ފަރާތްތަކަށް އެހީތެރިވުން.
13. މަދަނީ ވައިގެ ބަނދަރުތަކުގައި ހިންގާ ޤާނޫނާއި ގަވާއިދާ ޚިލާފް ޢަމަލުތައް ތަޙްޤީޤުކުރުމުގައި ކަމާބެހޭފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
14. މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ތަންފީޒުކުރުން.