Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ފުރަތަމަ ނޭޝަންސް ލީގު ޕޯޗުގަލް އުފުލާލައިފި

ޔުއެފާ އިން އިންތިޒާމްކޮށްގެން ބޭއްވި ޔުއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ޗެމްޕިއަނަކަށް ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް ހޮވިއްޖެއެވެ.

ޕޯޗުގަލް ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ނެދަލޭންޑްސްގެ މައްޗަށް 0-1 އިން ކުރި ހޯދައިގެންނެވެ. މިމެޗުގައި ޕޯޗުގަލްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައި ގޮންކާލޯ ގުއެޑެސްއެވެ.

މީގެ ތިން އަހަރު ކުރިން ކުޅުނު ޔުއެފާ ޔޫރޯ ވެސް ކާމިޔާބުކުރީ ފްރާންސު ބަލިކޮށް ޕޯޗުގަލްއެވެ. ނޭޝަންސް ލީގަކީ މިދިޔަ އަހަރު ޔުއެފާ އިން އަލަށް ބޭއްވި މުބާރާތެކެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުން އިންގްލެންޑު ވަނީ ޕެނަލްޓީ ޖަހައިގެން ސުވިޒަލޭންޑް ބަލިކޮށް ބްރޯންޒު މެޑަލް ހޯދާފައެވެ.