Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

މަރަދޫފޭދޫ ބީއެމްއެލް އާ ދިމާލުގައި ތިން ޖަންކްޝަން!

ސ. މަރަދޫފޭދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދިމާލުގައި ވިއްސާރުވުމުން ފެން ބޮޑުވާތީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ އެ ދިމާލުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި ފެން ބޭރު ކުރުމަށް ތިން ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ކުރަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ އައްޑޫ މުވައްޒަފުންނެވެ.

މި މަސައްކަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޓޮމް ވިދާޅުވީ ޖަންކްޝަން ބަހައްޓައި ނިމުމުން ފެން ބޮޑުވާ މައްސަލަ އެ ދިމާލުން ހައްލުވެގެން ދާނެ ކަމަށެވެ.

ވާރޭ ވެހިއްޖެ ނަމަ ބީއެމްއެލް ކުރިމަތީގައި ފެންބޮޑުވުމަކީ އާންމު ކަމެކެވެ. މިކަމާ ހެދި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ. ބޭންކް ކުރިމަތީގެ އިތުރަށް ބެންކާއި ސިޓީ ބެންޑް ރެސްްޓޯރެންޓާ ދޭތެރޭ އޮންނަ މަގުގައި ވެސް ވަރަށް ބޮޑަށް ފެން ބޮޑުވެ އެވެ.

އެހެން ނަމަވެސް އަލަށް ބެހެއްޓި ޖަންކްޝަންތަކުގެ ސަބަބުން އެ ސަރަހައްްދުގެ ފެން ބޮޑުވާ މައްސަލަ ހައްލުވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.