Last Updated: April 25, 18:52
Thursday, April 25, 2024
ދުނިޔެ

އިންޑިއާގެ ފިލްމް އެކްޓަރެއް ކަމަށްވާ ގިރިޝް މަރުވެއްޖެ

އިންޑިއާގެ ގިނަ ފިލްމްތަކަކުން ފެނިގެން ގޮސްފައިވާ އެކްޓަރެއް ކަމަށްވާ ގިރިޝް ކަރްނާޑް އުމުރުން 81 އަހަރުގައި މިއަދު މަރުވެއްޖެއެވެ.

ގިރިޝް މަރުވެފައިވަނީ ބެންގަލޫރުގައި ހުންނަ އޭނާގެ ގޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާއަކީ އެކްޓް ކުރުމުގެ އިތުރުން އެކި ކަހަލަ ޑްރާމާތައް ލިޔެ އުޅުނު މީހެކެވެ. މީގެ އިތުރުން ޑިރެކްޓަރ އަދި ސްކްރީން ރައިޓަރެއްގެ މަގާމުވެސް އޭނާ ވަނީ އަދާކޮށްފައެވެ.

އޭނާގެ ހިންދީ އަދި ކަންނަޑާ އިންޑަސްޓްރީގައި ކޮށްފައިވާ މަސައްކަތްތަކަށް ވަނީ އެވޯޑްތައް ވެސް ލިބިފައެވެ. ގިރިޝްއަށް ވަނީ އިންޑިއާގައި އެރުވޭ އިއްޒަތްތެރި ލަގަބުތައް ކަމަށްވާ ޕަދްމާޝްރީ އަދި ޕަދްމާބުޝަންގެ ލަގަބު އިންޑިއާ ސަރުކާރުން އަރުވާފައެވެ.

ގިރިޝްވަނީ ފިލްމްފެއަރ އެވޯޑް 4 ފަހަރަށް ހޯދާފައެވެ. އޭނާ ބޮލީވުޑްގައި މަސައްކަތް ކޮށްފައިވާ ފިލްމްތަކަށް ބަލާއިރު ނިޝާންތު(1975)، މަންތަން(1976)، ސުވާމީ(1977)، އަދި ޕުކާރު(2000) ހިމެނެއެވެ. މީގެ އިތުރުން އިގްބާލް(2005)، ދޯރު(2006)، އާޝާއޭން(2010) ހިމެނެއެވެ.

ގިރިޝް އެންމެ ފަހުން ފެނިފައިވަނީ 2017 ވަނަ އަހަރު ނެރެފައިވާ ފިލްމް "ޓައިގާ ޒިންދާ ހޭ" ގައި ސަލްމާން ޚާންއާއި އެއްކޮށެވެ. އެ ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޔަޝްރާޖް ފިލްމްސްގެ ފަރާތުންނެވެ.