Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ހިލަ ނެތިގެން މަގު ހެދުން ހުއްޓިފައި!

ލަންކާ ސަރުކާރުން ހަދަމުން ގެންދާ މަގުގެ މަޝްރޫއު މިހާރު ނުނިމި ލަސްވެގެން އުޅެނީ މަސައްކަތަށް ބޭނުންވާ ހިލަ ހުސްވެގެން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ އިރު ބާކީ ނުނިމި އޮތީ ޕްރޮޖެކްޓްގެ އެންމެ ފަސް ޕަސެންޓް ކަމަށެވެ.

މަގު ހަދަމުން އަންނަ ލަންކާގެ އައިސީސީ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަސައްކަތަށް ބޭނުންވާ ހިލަ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އައްޑު އަށް ގެނެވޭނެ ކަމަށެވެ. އަދި ހިލަ ނުލިބިގެން ބާކީ ތާރު ނޭޅި ހުރި ތަން ކޮޅު ދޫކޮށްލާފައިވާ އިރު މަގުގެ ދެފަރާތުގެ ޕޭވްމަންޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫގެ ތިން ރަށެއްގެ މަގު ހަދަމުން އަންނަ އިރު ތާރު ނެޅި ވަނީ ފޭދޫ ކޮޅުން ފެށިގެން މަރަދޫ ފޭދޫ ބޯޅަ ދަނޑާ ހަމައަށް އޮތް ކުޑަ ތަންކޮޅެއްގަ އެވެ.

ރާއްޖޭގައި ހަދާ އެންމެ ފެންވަރު ރަނގަޅު މަގު ހެދި ނިމިގެންދާ އިރު މަރަދޫ ފޭދޫ އާއި ފޭދޫ ގުޅޭ ކޯޒްވޭވެސް ވަނީ ފުޅާ ކޮށް އެސަރަހައްދުން ފަސޭހަ ކަމާއި އެކު ދުއްވޭނެ ގޮތަށް ޑިޒައިންކޮށްފައެވެ.

އައިސީސީން ބުނީ މަގުގެ ހެރިހާ މަސައްކަތެއް އަންނަ މަހު ކުރީ ކޮޅު ނިންމާލެވޭނެ ކަމަށެވެ.

ލަންކާ ސަރުކާރުން 11 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިލޭ ހަދަމުން ގެންދާ މަގުގެ މަސައްކަތް ރަސްމީކޮސް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު އެވެ.