Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށަންޖެހޭ: ނިޒާރު

ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށަންޖެހޭ ކަމަށް ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރެއްވި އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައިވަނީ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

"ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށަންޖެހޭ. އާސައިންދައިން ފެށިޔަސް ދައުލަތަށް މާލީގޮތުން ފައިދާވާނެ މުހިއްމު ޚިދުމަތެއް. ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް. މިވަގުތުވެސް އައްޑޫ އެޗްއާރްއެޗްގައި ބަލިމީހަކު މާލެ ނުގެންދެވި." ނިޒާރު ވިދާޅުވިއެވެ.

ހޯމަ ދުވަހު ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް ފަރުވާ ދެވޭނެ ގޮތެއް ނެތި އަދި މާލެ ނުގެންދެވި އެޗްއާރްއެޗްގައި އޮތް ވާހަކަ ވަނީ ބައެއް ފަރާތްތަކުން މީސްމީޑިއާ ފޭސްބުކްގައި ވެސް ހިއްސާކޮށްފައެވެ. ގިނަ ފަރާތްތަކަކުން ދަނީ އެޗްއާރްއެޗުން އެކަށީގެންވާ ޚިދުމަތް ނުލިބޭތީ ޝަކުވާ ކުރަމުންނެވެ. އެހެން ނަމަވެސް ހެޔޮ ބަދަލެއް އަންނަތަނެއް އަދި ފެނިފައެއްނެތެވެ.